21 Apr 2015, 20:16
މާލޭ ސިޓީ ކައުންސިލް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް ހައުސިން މިނިސްޓްރީން ނޯޓިސް ދީފިއެވެ.
މާލެ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު މިރޭ "ސަން" އަށް ވިދާޅުވީ، ހައުސިން މިނިސްޓްރީން މިއަދު ސިޓީ އެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި، ހަތް ދުވަހުގެ މުހުލަތެއް ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ހުރަވީ ބިލްޑިންގުން ސިޓީ ކައުންސިލަށް ތަނެއް ދެއްވާނެ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަށީގެންވާ ރަނގަޅު ސްޕޭސްއެއް ލިބޭ ކަމަށް ވަންޏާ ރަނގަޅު ވާނެ ހަމަ. އެހެންނަމަވެސް އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ނުކޮށް، ހަތް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ބަދަލުކޮށްލުން އެއީ ވަރަށް ދަތި ކަމަކަށް ވާނެ. ފަހަރުގައި މިނިސްޓްރީން ބަދަލު ކުރަން އުޅެނީ ވަރަށް ރަނގަޅަށް ހެދިފައި ހުރި އިމާރާތަކަށް ކަމަށް ވެސް ވެދާނެ. އަޅުގަނޑުމެންނަކަށް ދެން ނޭނގެ،" ޝިހާބު ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ، ސިޓީ ކައުންސިލްގައި ތިއްބެވި ފަރާތްތަކަކީ ވަކި ތަނެއްގައި ތިބެގެން މަސައްކަތް ކުރަން ބޭނުންފުޅުވާ ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ހަމަޖައްސަވާ ދެއްވާ ތަނަކީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދެވޭނެ ތަނެއް ކަމަށްވާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ޝިހާބު ވިދާޅުވީ، ހައުސިން މިނިސްޓްރީން ފޮނުވި ސިޓީގައި މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ސިޓީ ކައުންސިލްގެ ލިޔެކިއުންތަކާއި ތަކެތި އަލަށް ބަދަލުވާ އިމާރާތަށް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު-- ސަން ފައިލް ފޮޓޯ
"ދެން މިކަމުގައި އަޅުގަނޑުމެން މިދަނީ އޮޅުން އަރަމުންދާ ކަންކަމާ ހައުސިން މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރަމުން،" ޝިހާބު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތް ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރީ އިއްޔެ ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރުމަށްފަހު އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތުގެ އިތުރުން ލޯކަލް މާރުކޭޓް (ކޮށި ނަންބަރު 207) އާއި މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނު މަގު އުތުރުން ހިއްކާފައިވާ ބިން ވެސް ސަރުކާރަށް ނެގުމަށް ވަނީ ނިންމާފައެވެ.
ރައީސް އޮފީހުން ބުނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތް ސަރުކާރަށް ނެގުމަށް ނިންމާފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، އިޖުތިމާޢީ ބޭނުމަކަށް ކަމަށެވެ.
ލޯކަލް މާރުކޭޓް (ކޮށި ނަންބަރު 207) އާއި މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނު މަގު އުތުރުން ހިއްކާފައިވާ ބިން ސަރުކާރަށް ނަގަން ނިންމާފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، އިޖުތިމާޢީ އަދި އިޤްތިސަދީ ބޭނުމަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ ބިންތައް ސަރުކާރަށް ނަގާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމާ ބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމާގުޅިގެން އެ ބިންތައް ސަރުކާރަށް އަނބުރާ ނެގުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހައުސިން މިނިސްޓްރީއާ ހަވާލުކުރައްވާފައެވެ.