21 Apr 2015, 19:51
ގަލޮޅު ގެއެއްގެ ތެރޭގައި ދެ ބިދޭސީއަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި 34 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން، ބިދޭސީން ރަހީނުކޮށްފައިތިބި ތަނަށް ފުލުހުން ވަދެ އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ނެތިކަމަށް ބުނެ އޭނާ ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް އަމުރު ނެރެފައިވާއިރު، ގާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން ވަގުތުން ފިޔަވަޅު ނާޅައިފިނަމަ މީހެއްގެ މުދަލަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމީހަކު ނުވަތަ މުދާ ސަލާމަތްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކޯޓު އަމުރެއް ނެތި ތަންތަނަށް ވަނުމުގެ ބާރު ކަމާ ބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.
ފުލުހުން ރޭ ވަނީ ރަހީނުކޮށްފައިވާ ބަނގުލަދޭޝްގެ 23 އަހަރުގެ ފިރިހެނަކާއި އެ ގައުމު 24 އަހަރުގެ ފިރިހެން މީހާ ސަލާމަތްކޮށްފައެވެ.
އެ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ދެމީހުން ސަލާމަތް ކޮށްފައި ވަނީ ރޭ މެންދަމު 2:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެގެއަށް ވަން އިރު ރަހީނުކޮށްފައި ތިބި ދެ ބިދޭސީންގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.