އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން އެ މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ނޭޕާލް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭ ޓީމު ބަލިވެއްޖެ އެވެ.

މިއަދު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގައި ނޭޕާލް އަތުން ރާއްޖެ ބަލިވެފައި ވަނީ 10-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނޭޕާލްގެ ދެ ފޯވާޑުން ކަމަށްވާ ރޭކާ ޕޮޑެލް އާއި ދެވަނަ ހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެރި ނިރްމަލް އުޕަދަޔާ ވަނީ ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހަދާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ނޭޕާލަށް ކާމިޔާބު ކޮށްދިނީ މެޗު ފެށިތާ ދެ މިނެޓު ތެރޭ އެ ޓީމްގެ މަންޖަލީ ކުމާރީ އެވެ. އަދި މެޗުގެ ހަތަރުވަނަ މިނެޓުގައި މަނީޝާ ރައުތު ވަނީ ނޭޕާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ރޭކާ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު، 11 ވަނަ މިނެޓުގައި އޭނާ ވަނީ ނޭޕާލްގެ ލީޑު ހަތަރު ލަނޑަށް ފުޅާކޮށްދީފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ރޭކާ، އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، 26 ވަނަ މިނެޓުގައި މަނީޝާ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، އެ ހާފްގައި ނޭޕާލްގެ ސްކޯ ހަޔަކަށް ފުޅާކޮށްފައެވެ. ފުރަތަމަ ހާފްގެ ބާކީ ބައި ރާއްޖޭ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ނޭޕާލް އިތުރު ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ ހިފައްޓައިފައެވެ.

މެޗުގެ ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅުވެސް ރާއްޖޭ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގެ 53 ވަނަ މިނެޓުގައި ސަމްޖަނާ ލަވާތީ ކާމިޔާބު ކުރި ލަނޑާއެކު ނޭޕާލްގެ ލީޑު ވަނީ ހަތް ލަނޑަށް ފުޅާވެގެން ގޮސްފައެވެ. މެޗުގައި ނިރްމަލް އޭނާގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބު ކުރިއިރު، އޭނާ ވަނީ 66 އަދި 70 ވަނަ މިނެޓުގައިވެސް ލަނޑު ޖަހާފައެވެ.

އޭއެފްސީ މުބާރާތުގައި ރާއްޖޭގެ 14 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވުމުން، މިހާރު ޓީމަށް ވަނީ ސެމީއަށް ދަތުރު ކުރުމުގެ ފުރުސަތު ގެއްލިފައެވެ. އެ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ރާއްޖޭ ޓީމުގެ ފަހު މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ އިރާނާ ދެކޮޅަށެވެ.