21 Apr 2015, 18:31
ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 3-1 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމަކީ ހިތް ހަމަ ޖައްސާލައިގެން ހުންނަންޖެހޭ ސަބަބެއް ނޫންކަމަށް ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގްގައި މިރޭ ބާސެލޯނާއާ ޕީއެސްޖީ ބައްދަލުކުރަން ހަމަޖެހިފައިވާއިރު އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، މިރޭގެ މެޗްގައި ބާސެލޯނާއަކީ ފޭވަރިޓް ޓީމްކަމަށް ޤަބޫލު ނުކުރާ ކަމަށާއި މިރޭގެ މެޗްގައިވެސް ރަނގަޅަށް ކުޅެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
"ބާސާއަކީ މިމެޗްގެ ފޭވަރިޓެއް ނޫން. ތެދެއް ފުރަތަމަ މެޗުން މޮޅުވެފައި އޮތުމަކީ ޕޮސިޓިވް ކަމެއް، ނަމަވެސް އެމެޗުން މޮޅުވެފައިއޮތުމަކީ މިރޭގެމެޗަށް ނިކުންނައިރު ހިތްހަމަޖެހިގެން ހުންނަންވީ ސަބަބެއް ނޫން،" ލުއިސް އެންރީކޭ ބުންޏެވެ.
ބާސާއަށް ކުރިން ކުޅުނު ޕީއެސްޖީގެ ފޯވަޑް ޒަލަޓާން އިބްރަހިމޮވިޗާ ބެހޭގޮތުން އެންރީކޭ ބުނީ، އިބްރަހިމޮވިޗަކީ ކޮންމެ ހާލަތެއްގައިވެސް ލިބޭ ޗާންސަކުން ލަނޑު ޖެހުމުގެ ގާބިލުކަން ހުރި ފޯވަޑެއް ކަމަށެވެ.

ޕީއެސްޖީގެ ފޯވަޑް ޒަލަޓާން އިބްރަހިމޮވިޗް --- ފޮޓޯ/އޭ
މިރޭގެ މެޗްގައި ބާސާއާ ދެކޮޅަށް ނިކުން ޕީއެސްޖީގެ ކޯޗް ފްރާންސްގެ ލޯރެންޓް ބްލެންކް ބުނީ މިރޭގެ މެޗްގައި ޕީއެސްޖީއަށް ކުރިއަށް ދެވޭނީ ލަނޑު ޖަހައިގެން ކަން އޭނާއަށް އެނގޭކަމަށާއި އެފެންވަރު ޕީއެސްޖީގެ ހުންނާނެ ކަމަށެވެ.

ޕީއެސްޖީ ކޯޗް ލޯރެންޓް ބްލެންކް --- ފޮޓޯ/އޭޕީ
"ބާސާގައި އެބަތިބި އާދާޔާ ޚިލާފް އެޓޭކިން ކުޅުންތެރިން. އެހެންނަމަވެސް އަހަރެމެން އެބަޖެހޭ ދައްކަން އަހަރެމެން މިމެޗުންމޮޅުވާން ބޭނުންވާކަން. އެފެންވަރު އަހަރެމެންގެ ކިބައިގައި އެބަހުރި،" ބްލެންކް ބުންޏެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ޕީއެސްޖީއާދެކޮޅަށް ބާސާ ކުޅޭ މެޗް ފެށޭނީ މިރޭ ރާއްޖޭގަޑިން 11:45 ގައެވެ.