ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އދ. މާމިގިލި ސިއްހީ މަރުކަޒާއި އައްޑޫ ސިޓީ މަރަދޫ ހެލްތު ސެންޓަރު މަރާމާތުކުރަން ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ ތިން ހޮސްޕިޓަލް މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ 2.1 މިލިއަން ރުފިޔާއަށެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. ކުންފުނިތަކުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް 570،500 ރުފިޔާ އަށް، ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައިވާ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލް ތިން މަހުގެ ތެރޭގައި މަރާމާތުކޮށް ނިންމަންޖެހެ އެވެ. އަދި އަދި އދ. މާމިގިލި ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް 257،580 ރުފިޔާއަށް ވެއިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 23 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އޭގެ އިތުރުން ސ. މަރަދޫ ހެލްތު ސެންޓަރުގެ ފިނިޝިންގެ މަސައްކަތް 140 ދުވަހުގެ މުއްދަތެއްގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ ވެލްމަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންނަށް މަސައްކަތް ހަވާލުކޮށްފައި ވަނީ 1،236،363 ރުފިޔާގެ އަގެއްގަ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހުހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ރާއްޖޭގެ ގިނަ ސިއްހީ މަރުކަޒުތަކެއް މިހާރު މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ.

"މީގެ ކުރިން ވެސް ފަށައި ކުރިއަށް ނުގެންދެވި ހުރި ބައެއް މަސައްކަތްތައް އެބަހުރި. އެހެންވީމަ ސަރުކާރުން މި ދަނީ ވަރަށް އިސްކަމެއް ދީގެން އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން،" ހެލްތު މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ ރަށްރަށުގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވި އެވެ.