ރާއްޖޭގެ ކޮކަކޯލާ ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިން ވެސް ހޮވައިފިއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ދެފަރާތަކަށް ޔަމަހާ ބްރޭންޑުގެ ސައިކަލަކާއި އަދި އެއްފަރާތަކަށް ސިންގަޕޫރު ދަތުރެއް ލަކީ ޑްރޯއިން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ ގުރުއަތުން ހޮވިގެން މޮޓޯ ސައިކަލު ލިބިފައިވަނީ މުހައްމަދު މުސްތަފާ (4zbcdvc) އަދި އަހުމަދު އިސާމް (Jeckmf) އަށެވެ.

މިދިޔަ މަހު 31ގައި ފެށި އެ ޕްރޮމޯޝަނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ހުދު މަތިގަނޑުލީ ކޯކު ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ހަ އަކުރުގެ ކޯޑު ފޮނުވުމާއެކު އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ. އެ ކޯޑު ފޮނުވާނީ 2626 އަށެވެ.

މޭ މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި 12 ފަރާތަކަށް އިނާމުގެ ގޮތުގައި ޔަމަހާ ސައިކަލް ލިބޭނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދެ ވަނަ އިނާމެއްގެ ގޮތުގައި ހަ ނަސީބުވެރިއަކަށް އިތުރު ފަރާތެއް ގޮވައިގެން ސިންގަޕޫރުގެ ޔުނިވާސަލް ސްޓޫޑިއޯއަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކޮކާކޯލާއިން ބުންޏެވެ. އެ ދަތުރުގެ ހުރިހާ ހަރަދެއް ކުރާނީ ކޮކާ ކޯލާ ކުންފުނިންނެވެ.

ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ސިލްވާ ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަންގައި ބައިވެރިވުމަށް ތައްޔާރު ކޮށްފައިވާ ކޯޑުތައް އަލަށް ނެރެފައިވާ ކޯކު ފުޅިތަކުގެ 300 އެމްއެލް އާއި 500 އެމްއެލް އަދި ދެ ލީޓަރުގެ ފުޅިތަކުން ލިބޭނެ އެވެ.

ފްރޮމޯޝަންގައި ހުށަހަޅާފައިވާ ބޮޑެތި އިނާމުތަކުގެ އިތުރުން ކުދި އެތައް އިނާމުތަކެއް ވެސް ހުށަހެޅިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.