21 Apr 2015, 17:35
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅޭ މެޗަކީ މާޒިޔާއަށް ފަސޭހަ މެޗަކަށް ނުވާނެ ކަމަށް އީގަލްސްގެ އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރު ބުނެފި އެވެ.
މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޝާކިރު ވަނީ މި ސީޒަންގައި އެ ދެ ޓީމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކޮށްފަ އެވެ. ނަމަވެސް މާޒިޔާ މި ސީޒަންގެ މިހާތަނަށް ވާދަވެރި މެޗުތަކެއް ކުޅެފައި ވުމުން އެއީ އީގަލްސްއަށް އޮތް ޑިސްއެޑްވާންޓޭޖެއްގެ ގޮތުގައި ޝާކިރު ވަނީ ސިފަ ކޮށްފަ އެވެ.
"ކުރިއަށް އޮތް މެޗަކީ މި ސީޒަންގައި އީގަލްސްގެ ފުރަތަމަ މެޗު. މާޒިޔާ ވަނީ މި ސީޒަންގައި ވާދަވެރި މެޗުތަކެއް ކުޅެފައި. އެހެން ކަމުން އީގަލްސްއަށް މެޗުގައި އުނދަގޫތަކެއް ހުންނާނެ، މި މެޗަކީ އީގަލްސްއަށް ފަސޭހަ މެޗަކަށް ނުވާނެ،" ޝާކިރު ބުންޏެވެ.
"މި ސީޒަންގެ އެންމެ ވަރުގަދަ ކްލަބެއްގެ ގޮތުގައި މިހާތަނަށް އަދި ފެނިފައި ވަނީ މާޒިޔާ. ނަމަވެސް ދެ ޓީމަށް ވެސް ވަނީ ގިނަ ބަދަލުތަކެއް އައިސްފަ. މި މެޗަކީ މާޒިޔާ އަށްވެސް ވަކި ފަސޭހަ މެޗަކަށް ނުވާނެ،"
އީގަލްސް ސީޒަނާ ކުރިމަތި ލާއިރު އެ ޓީމްގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް ލީގުގެ ފުރަތަމަ މެޗުތަކުގައި ކުޅެވެން ނެތްއިރު، ޝާކިރު ވަނީ އެއީ އީގަލްސްއަށް ލިބޭނެ އުނިކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ޓީމްގެ ދެ ވަނަ ކީޕަރު ލަބާން ޝަރީފް އަށް އެ ޓީމްގެ ގޯލް ބެލެހެއްޓޭނެ ކަމުގެ އިތުބާރު އޮތްކަމަށް ޝާކިރު ބުންޏެވެ.
"ފައިސަލް ނެތުމަކީ ޓީމަށް ލިބެ ވަރަށް ބޮޑު ގެއްލުމެއް، އޭނާއަކީ ވަރަށް ރަނގަޅު ކީޕަރެއް. ޓީމުގެ ދެވަނަ ކީޕަރު ލަބާން އަކީ ވަރަށް ޒުވާން ކީޕަރެއް. އެއްވަނަ ޑިވިޝަންގައި އޭނާގެ ތަޖުރިބާ މަދު ނަމަވެސް، އޭނާ ވަނީ ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމްތަކަށް ކުޅެފައި. އެހެން ކަމުން ފައިސަލް ނެތްތަން އޭނާއަށް ފޫބެއްދޭނެ،" ޝާކިރު ބުންޏެވެ.
އޭގެ އިތުރުން ޝާކިރު ވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ޕާފޯމެންސާ މެދު ހިންހަމަ ޖެހޭ ކަމަށް ބުނެ، މި ސީޒަންގައި އެ ޓީމުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް ފެނިގެން ދާނެ ކަމަށް ބުނެފަ އެވެ. އަދި މި ސީޒަންގައި އެ ޓީމް ނިކުންނާނީ ލީގު ކާމިޔާބު ކުރަން ކަމަށް ވެސް ޝާކިރު ބުންޏެވެ.
"މިދިޔަ ދެ ސީޒަން ވެސް އީގަލްސް ނިންމާލާފައި ވަނީ ގަދަ ތިނެއްގައި އޮވެގެން. ކޮންމެ އަހަރަކު ވެސް ޓާގެޓަކީ ލީގު ކާމިޔާބު ކުރުން، އަދި އެ ހިސާބަށް ނުދިވިގެން މި އުޅެނީ،" ޝާކިރު ބުންޏެވެ. "މި ސީޒަންގައި ވެސް ނިކުންނާނީ ލީގު ކާމިޔާބު ކުރަން."