21 Apr 2015, 16:26
މިއީ ކެރިއަރުގައި ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު ކަމަށް ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެ ވަނަ ލެގްގައި ބަޔާން މިޔުނިކާ ޕޯޓޯ މިރޭ ބައްދަލު ކުރާއިރު މިދިޔަ ބުދަ ދުވަހު މިދެޓީމް ކުޅުނު ފުރަތަމަ ލެގުން ޕޯޓޯ ވަނީ 3-1 ގެ ނަތީޖާ އަކުން ބަޔާންގެ މައްޗަށް ކާމިޔާބު ހޯދާފައެވެ. މިމެޗުން ބަލިވުމުން ގާޑިއޯލާއަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
އޭނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ފުޓްބޯޅަ މެނޭޖިން ކެރިއާގައި އޭނާއަށް ކުރިމަތިވި އެންމެ ޗެލެންޖިން ބޮޑު ދުވަސްވަރަކީ ފާއިތުވި ދެމަސް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާއަށް ފުޓްބޯޅައިގެ ތެރެއިން ވަރަށް ގިނަ ކަންކަމުގެ ފިލާވަޅު ލިބިއްޖެކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާ ޓީމަށް އިރުޝާދު ދެނީ: މިއީ ކެރިއަރުގައި ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު ކަމަށް އޭނާ ބުނޭ ---- ފޮޓޯ/ އޭޕީ
"މިއީ ބޮޑު ކުލަބެއް އެހެންކަމުން ނުބުނެވޭނެ އަހަރެން މިހުރީ އެންމެ ފަސޭހަ ހާލަތުގައި ކަމަކަށް. ޓީމް މޮޅުވެއްޖެނަމަ އަހަންނަށް ތައުރީފް ކުރާނެ ބަލިވެއްޖެނަމަ. ވަރަށް ގިނަ މައްސަލަ ހުންނާނާނެ. އެއީ އަހަރެންގެ މިވަޒީފާއި ކަންތައް ވާނެ ގޮތް،" އޭނާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުންން ގާޑިއޯލާ ބުންޏެވެ.
މިރޭ ބަޔާންގެ އެލެންޒް އެރީނާ ސްޓޭޑިއަމްގައި ދެ ވަނަ ލެގަށް ނިކުންނައިރު، ބަޔާންގެ ޓީމްގެ ތެރޭގައިވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. ޕޯޓޯ އަތުން ބަޔާން ބަލިވުމުން، ބަލިވުމުގެ ތުހުމަތު ޓީމްގެ މެޑިކަލް ޑިޕާޓްމެންޓްގެ ބޮލުގައި އެޅުވުމުން އެޓީމްގެ ޑޮކްޓަރު ހެންސް ވިލިއަމް މުލާ ވޮލްފާޓް ވަނީ އިސްތިއުފާ ދީފައެވެ.

ބަޔާން މިޔުނިކްގެ ކުރީގެ ހެންސް ވިލިއަމް މުލާ ވޮލްފާޓް ބަޔާންގެ ކުޅުންތެިޔެއް ގޮވައިގެން ދަނޑުން ފައިބަނީ --- ފޮޓޯ/ ބަޔާން ނިއުސް
ވޮލްފާޓް އިސްތިއުފާ ދިންއިރު ބަޔާން ޓީމްގެ މުހިންމު ކުޅުންތެރިންތަކަކަށް ވަނީ އަނިޔާވެފައެވެ. އެގޮތުން ބަޔާންގެ ފޯވަޑް ލައިންގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމުގައިވާ ފްރާންސްގެ ފްރޭންކް ރިބެރީއާ ހޮލެންޑްގެ އާރެން ރޮބެންއަށް ވަނީ އަނިޔާވެފައެވެ.
މިމެޗުން ބަލިވެ ޗެމްޕިއަންސް ލީގް ކުއާޓާ ފައިނަލުން ބަޔާން ކަޓައިފިނަމަ ގާޑިއޯލާގެ ކުރިމަގާ ގާޑިއޯލާގެ ކުރިމަގަކޯ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނީ އޭނާ ބޭނުންވަނީ އަންނަ އަހަރުވެސް ޓީމްގައި ދެމިހުންނަން ކަމަށެވެ.
"އަހަރެންގެ ކުރިމަގަކީ ބުދަ ދުވަސް ފުރީ. ބުރާސްފަތި ދުވަހު ޓްރޭނިންގ. އަންނަ އަހަރު ބަޔާން ގައި މަޑު ކުރުން. އެއީ އަހަރެންގެ ކުރިމަގު،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ މިހެން ބުނި އިރު އަންނަ ސީޒަންގައި އޭނާ މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭ ވާހަކަތައް ވަނީ ފެތުރިފައެވެ.
ބަޔާނާއި ޕޯޓޯ ބައްދަލުކުރާ ޗެޕްޕިއަންސްލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖޭގެ ގަޑިން 11:45 ގައެވެ.