ކ.ގާފަރު ކައުންސިލްގެ ރައީސް އާދަމް ޒާހިދު ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ.

މުލިއާގޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޒާހިދު ޕީޕީއެމް އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ޒާހިދު މިއަދު ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީއަށް ސޮއިކުރެއްވުމަށް ނިންމެވީ މިއަދު ރަށުގެ ތަރައްގީ އަށް މަސައްކަތް ކުރެވޭނީ ސަރުކާރާ ގުޅިގެން ކަމަށް އޭނާ އަށް ފެންނާތީ ކަމަށެވެ. މިއަދާ ޖެހެންދެން ވެސް އެމްޑީޕީގައި ހުންނެވި ޒާހިދު ވިދާޅުވީ ސަރުކާރާ ދެކޮޅު ވެގެން ރަށުގެ ތަރައްގީ އަށް އެއްވެސް މަސައްކަތެއް ކޮށްދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވުނީ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނީ ސަރުކާރު ހިންގާ ޕާޓީއާ ގުޅިގެން މަސައްކަތް ކުރީމަ ކަމަށް އެހެންވެ ސޮއި ޕީޕީއެމްއަށް ސޮއިކުރީ." ޒާހިދު ވިދާޅުވި އެވެ.