21 Apr 2015, 15:41
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ އެ ޓީމް ކްލަބް ވެލެންސިޔާއާ ދެކޮޅަށް ނިކުންނައިރު، ޓީސީ ނިކުންނާނީ ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި އެ ޓީމްގެ ތަޖުރިބާއެއް ނެތްކަން ދަނެގެން ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ މި ސީޒަންގެ ލީގުގައި އޮތް އެންމެ ތަޖުރިބާ މަދު ޓީމަކީ ޓީސީ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ވެލެންސިޔާ ތަންކޮޅެއް ދަށްކޮށް އުޅުނު ނަމަވެސް، އެ ޓީމަކީ އަދިވެސް ރާއްޖޭގެ ފުޓްބޯޅައިގެ ބާރެއްކަން ނިޒާމްބެ ވަނީ ފާހަގަ ކޮށްފައެވެ.
މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގައި އެއްވެސް މަޗަކުން ބަލިނުވެ މުބާރާތުގެ ޗެންޕިއަންކަން ހޯދުމަށް ފަހު، ދިވެހި ލީގު ކޮލިފިކޭޝަންގައި ޓީސީ ދެވަނަ ހޯދީ ނިޒަމްބެގެ ކޯޗުކަމުގެ ދަށުންނެވެ. އަދި މި އަހަރު އެ ޓީމްގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް އެއްވަނަ ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކެއް ގެންގޮސްފައި ވާއިރު، ނިޒާމްބެ ބުނީ ސީޒަނާ ކުރިމަތިލާން ޓީސީ އޮތީ ވަރަށް ތައްޔާރަށް ކަމަށެވެ.
"ސީޒަނާ ކުރިމަތިލުމަށް ޓީސީ ވީ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް. މިހާރު ޓީމު އޮތީ ސީޒަނާ ކުރިމަތިލާން ވަރަށް ތައްޔާރަށް. އެއްވަނަ ޑިވިޝަންގެ ތަޖުރިބާ ހުރި ކުޅުންތެރިންވެސް ޓީމުގަ އެބަތިބި. އަދި ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިން ދައްކަމުންދާ ޕާފޯމެންސާ މެދުވެސް ހިންހަމަ ޖެހޭ،" ނިޒާމްބެ ބުންޏެވެ.
މި ސީޒަންގައި ޓީސީއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި، މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު ރާއްޖޭގެ ގައުމީ ޓީމްގެ ދެވަނަ ކީޕަރު މުހައްމަދު އިމްރާން އާއި، މި ސީޒަންގައި ނިއުއަށް ގެނައި ބިދޭސީ ކުޅުންތެރިޔާ ރަފައެލް ރަފީނިއާގެ އިތުރުން، ވެލެންސިޔާ އާއި ވިކްޓްރީ، ބިޖީ ސްޕޯޓްސް އަދި އީގަލްސްއިން މީގެ ކުރިން ފެނުނު ކުޅުންތެރިން ހިމެނެއެވެ.
ޓީސީ ސީޒަނާ ކުރިމަތިލާން ގިނަ ތައްޔާރީތަކެއް ވެފައި ވާއިރު، މި ސީޒަންގައި އެ ޓީމްގެ ޓާގެޓަކީ ރެލިގޭޓް ނުވެ އެއްވަނަ ޑިވިޝަންގައި ހިފައްޓާލުން ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ. އަދި ޓީސީގެ އިތުރުން، އެހެން އެއްވެސް ޓީމަކަށްވެސް މި ސީޒަން ފަސޭހަ ނުވާނެ ކަމަށް ނިޒާމްބެ ބުންޏެވެ.
"މި ސީޒަން އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ. އެއަށްވުރެ މި ސީޒަން ވާދަވެރި ވާނެ."