21 Apr 2015, 14:50
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހްމަދު ނަޖީބު އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓުންސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން އެއް އަހަރުފަހުން ބޭއްވުމަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
މިއަދު މެންދުރު ހައިކޯޓުގައި ތާވަލުކުރި ހަނާގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެކުން ކެންސަލް ކުރި ސަބަބެއް ކޯޓުން ބުނެފައެއް ނުވެ އެވެ.
ހައިކޯޓުގައި ހަނާ އިސްތިއުނާފު ކުރި މައްސަލައިގެ އަދި މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑު އެހުމެކެވެ. އެ އަޑުއެހުން ނިންމާލާފައި ވަނީ ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ހަނާއަށް ފުރުސަތުދިނުމުގެ ގިތުންނެވެ.
އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި ހަނާ ބުނެފައި ވަނީ ނަޖީބު މަރާލިކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިއުތިރާފުވެފައި ނުވާނެ ކަމަށާއި އޭނާ އިއުތިރާފުވެފައި ވަނީ ހަމައެކަނި ނަޖީބު މަރާލުމުގައި ބައިވެރިވުމުގައި ކަމަށެވެ.
މައްސަލަ ހުށަހަޅަމުން ހަނާ ބުނެފައި ވަނީ މުއްރަތު ނަޖީބު މަރާލި ވަގުތު އޭނާ އޮތީ ނިދާފައި ކަމަށެވެ. އަދި އޭނާއާއި މުއްރަތު ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުން ވެސް އޭނާ ނަޖީބު މަރާލިކަމަށް ސާބިތު ނުވާ ކަމަށް ވެސް ހަނާ ބުންޏެވެ.
"ހަނާ އިއުތިރާފުވެފައި ވަނީ މަގްތޫލު [ގަތުލުވެފައިވާ މީހާ] މަރާލުމުގައި ބައިވެރިވެފައިވި ކަމަށް. އެހެންކަމުން ގަސްތުގައި މީހަކު މަރާލުމުގެ ކުށް ހަނާގެ މައްޗަށް ކަނޑައަޅާނެ ތަނެއް ނެތް،" ހަނާ ބުންޏެވެ.
ހަނާ ބުނެފައި ވަނީ މުއްރަތު ދިރުއުޅޭ ކޮޓަރި ތެރޭގައި ނަޖީބު ގޮނޑިއެއްގައި ބަނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށާއި އޭގެ ބޭނުމަކީ ފޭރުމާއި ބިރުދެއްކުން ކަމަށާއި އެއީ މެރުމުގެ ނިޔަތް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ.
"މަތުލޫގު ގޮނޑިއާ އެކު ބަނުމުގައި ބައިވެރިވި ކަމަށް އިއުތިރާފުވި އިރު މުއްރަތު އާއި ހަނާ ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުން ވެސް އެއީ މަރާލުމުގެ ގަސްތު އޮވެގެން ހަނާ ކުރި ކަމެއް ނޫންކަން އެނގޭ. ހަނާގެ އެއްވެސް އަމަލަކުން ގަސްތު ފާޅެއް ނުވޭ،" ހަނާ ބުނެފައިވެ އެވެ.
އޭޕްރީލް 2013 ގައި ބޭއްވުނު އިސްތިއުނާފުގެ ޝަރީއަތުގައި ހަނާ ވަނީ އޭނާ މެރުމަށް ކޮށްފައިވާ ހުކުމަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ބުނެ އެ ހުކުމް ބާތިލް ކުރުމަށް ހައިކޯޓުގައި އެދިފަ އެވެ.
ހަނާގެ ވާހަކަތަކަށް ޖާވާބުދާރީވަމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވިދާޅުވެފައި ވަނީ ނަޖީބުގެ އަނގަޔާއި މޫނުމަތީ ޓޭޕްއެޅައި އަތާއި ފައި ގޮނޑީގައި ބަނުމުގެ މަސައްކަތުގައި ހަނާ އަމަލީ ގޮތުން ބައިވެރިވި އިރު މުއްރަތު ހުރީ ވަޅިއަކުން ނަޖީބަށް ބިރުދައްކަން ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އެ ވަޅި ކޮޓަރިއަށް ގެންދިޔަކަން ހަނާއަށް އެނގޭ ކަމަށެވެ. އަދި އެ ވަޅިއަކީ ނަޖީބު މަރާލުމަށް ރާވައިގެން ގެނައި ވަޅިއެއް ކަމަށާއި އެވަޅިން ދިން ހަމަލާގެ ސަބަބުން ނަޖީބު މަރުވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު އާރިފް ވިދާޅުވެފައިވެ އެވެ.
ކީރިތި ގުރުއާނުގެ އެކި އާޔަތްތަކާއި ރަސޫލާގެ ސުންނަތުން މިސާލުދައްކަވައި ދައުލަތުން ވަނީ ހަނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ.