21 Apr 2015, 16:29
އިންޑިއާގެ އަހަރީ އަދަބީ ދުވަހު ދެމުން އަންނަ "ހިންދީ ޑީވާސް" އެވޯޑުން އެގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރުން ކަމަށްވާ އިންދިރާ ގާންދީ އާއި ރާޖީވް ގާންދީގެ ނަން، އެގައުމުގެ ހޯމް މިނިސްޓްރީން ކަނޑާލައިފި އެވެ.
އެ ދެބޭފުޅުންގެ ނަން އެވޯޑުން ނެގުމާ ގުޅިގެން ކޮންގްރެސްގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށް އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އެންޑް އެނަލިސިސް (ޑީއެންއޭ) އިން ބުންޏެވެ. އެއީ އިންޑިޔާގެ ވެރިކަން ކުރާ ބާރަތިޔަ ޖަނަތަ ޕާޓީއިން "ސިޔާސީ ހަސަދައެއް ފިލުވައިލުމަށް" ކުރި ކަމެއް ކަމަށް ކޮންގްރެސް އިން ތުހުމަތު ކުރެއެވެ.
ދެބޭފުޅުންގެ ނަން ނެގި ސަބަބު އޮޅުން ފިލުވައި ދިނުމަށް ވެސް ކޮންގްރެސް އިން ވަނީ އެދިފަ އެވެ.
ކުރީގެ ދެ ބޮޑުވަޒީރުންގެ ނަން، ދީވާސް އެވޯޑުން ނެގުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކިރެން ރިޖީޖޫ ވިދާޅުވެފައި ވަނީ އެ ނަންތައް ނެގީ އޭގައި އެޑްމިނިސްޓްރޭޝަން ސަބަބުތަކަކާ ގުޅިގެން ކަމަށެވެ. އެކަމުގައި ސިޔާސީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ ހަވާލު ކުރައްވާ އެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ސެޕްޓެމްބަރު މަހުގެ 14 ގަ އެވެ.
އިންދިރާ ގާނދީ އާއި އެކަމަނާގެ ދަރިކަލުން ރަޖީވު ގާނދީ ވެސް އަވަހަރާރަކޮށްލީ އެ ބޭފުޅުން ބޮޑުވަޒީރުކަމުގަ އެވެ.