21 Apr 2015, 13:45
އަމިއްލަ ގެދޮރު ހުރި ފަރާތްތަކަށް ވެސް އިތުރު ތަނެއް ގަތުމުގެ ފުރުސަތުލިބޭ ގޮތަށް ގައުމީ ބެންކް، ބީއެމްއެލްގެ ހޯމް ލޯނަށް ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ގިނަ ކަސްޓަމަރުންނަށް ލޯނުގެ ފުރުސަތު ހޯދައިދިނުމަށް އަލަށް ގެނެވުނު ބަދަލާ އެކު ކުރިއާ ހިލާފަށް މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކުން ފްލެޓާއި އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން ހޯމް ލޯން ދޫކުރަމުން އައީ ހަމައެކަނި މާލެ ނުވަތަ ހުޅުމާލެ އިން ގެދޮރު ގަތުމަށެވެ.
"މިއަދު މި ގެނެވުނު ބަދަލާ އެކު ރާއްޖޭގެ ކޮންމެ ތަނެއްގައި ކޮންމެ އަގެއްގައި ހުރި ގެއެއް ވެސް ގަތުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައި. ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭ ގޮތަށް އަޅުގަނޑުމެންގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަން ގެންނަމުންދާނަން." ބޭންކުގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިން މާލެ ނުވަތަ ހުޅުމާލޭގައި އަމިއްލަ ގެދޮރު ހުރި ފަރާތްތަކަށް ހޯމް ލޯން ދޫނުކުރާއިރު މިއަދު ގެނައި އެފަރާތްތަކަށް ވެސް ހޯމް ލޯން ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އަދި މީގެ އިތުރުން ހޯމް ލޯނު މެދުވެރިކޮށް 15 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ތަނެއް ނުގަނެވޭނެ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ހޯމް ލޯން މެދުވެރިކޮށް ކޮންމެ އަގެއްގައި ހުރި ތަނެއް ވެސް ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެބެންކުން މައުލޫމާތުދެ އެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ ހޯމް ލޯން ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭއިރު މިއީ ރާއްޖޭގައި ލޯނެއް ދެއްކުމަށް މިހާތަނަށް ދެވޭ އެންމެ ދިގު މުއްދަތު ކަމަށެވެ.
ބީއެމްއެލް އިން ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަ ކަމަށް ދާދި ފަހުން އިއުލާން ކުރުމާ އެކު ކުރިން ލޯން ދޫކުރަމުން އައި އުސޫލްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.