ރޮޓަރީ ކްލަބް އޮފް މޯލްޑިވްސް އިން ވ. ކެޔޮދޫ ފެންޕްލާންޓް މަރާމާތުކޮށް ހިންގުމަށް 10،000 އެމެރިކާ ޑޮލަރު (154،200 ރުފިޔާ)ގެ އެހީއެއް ދީފައިވާ ކަަމަށް ރޮޓަރީ ކުލަބުގެ މެމްބަރެއް ވިދާޅުވެއްޖެ އެވެ.

"ޕްލާންޓް މަރާމާތުކޮށްދީ ޕްލާންޓް ހިންގުމަށް ބޭނުންވާނެ ބައެއް ސްޕެއާ އާއި ފިލްޓަރާއި ދެން ޕްލާންޓް ބެލެހެއްޓުމަށް ޓަކައި އޮޕަރޭޓަރެއް ގެންގުޅުމަށް ޓަކައި ހަ މަސް ދުވަހުގެ ފައިސާގެ އެހީ" ދީފަ ވާނެ ކަމަށް ރޮޓަރީ ކްލަބުގެ މެމްބަރެއް ވިދާޅުވި އެވެ.

ދުވާލަކަށް ހަ ޓަނު ފެން އުފެއްދޭ މި ފެން ޕްލާންޓަކީ ސުނާމީ އަށް ފަހު އެ ރަށަށް ލިބުނު ފެން ޕްލާންޓެކެވެ. މި ފެން ޕްލާންޓް ހަލާކުވެގެން ބޭނުންނުކުރެވޭތާ ތިން އަހަރަށް ވުރެ ގިނަވެދާނެ ކަަމަށް ކެޔޮދޫ ކައުންސިލުން ބުނެ އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފު ވިދާޅުވީ ފެން ޕްލާންޓުން ފެން ފޯރުވައިދުނުމުގެ ހިދުމަތް އަންނަ މަހު އެކަކުން ފެށިގެންދޭނެ ކަމަށެވެ. އަދި މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ޓަކައި ފެން ވިއްކަން ނިންމާފައިވާ ކަމަށް ޔޫސުފް ވިދާޅުވި އެވެ. އެގޮތުން ފެން ލީޓަރެއް 80 ލާރި އަށް ވިއްކުމަށް ނިންމާފައިވާ ކަމަށް ޔޫސުފު ވިދާޅުވި އެވެ. އެ ގޮތުން ރަށުގެ ރައްޔިތުނާއި ކެޔޮދޫ ބަނދަރުން ފެން ގަންނަށް ބޭނުންވާ އޮޑިދޯނިފަަހަރާއި ބޯޓުފަހަރަށް ވެސް ފެންވިއްކާނެ ކަމަށް ޔޫސުފު ވިދާޅުވި އެވެ.

"އަދި ވަކި ގޭގެ އަށް ހިދުމަތްދޭ ވަރަކަށް ފުޅައެއް ނުކުރެވޭ އެހެންނަމަވެސް އަޅުގެންޑުމެންގެ އަމާޒަކީ އެއީ،" ޔޫސުފު ވިދާޅުވި އެވެ.

ރޮޓަރީ ކުލަބް އޮފް މޯލްޑިވްސް އިން ކެޔޮދޫ އަށް އެހީތެރިކަން ފޯރުވައިދީފައި ވަނީ އޮސްޓްރޭލިއާގެ ރޮޓަރީ ކްލަބެއްގެ އެހީތެރިކަމާއި އެކު އެވެ.

ރޮޓަރީ ކްލަބަކީ ހިލޭ ސާބަހަށް މަސައްކަތްކޮށްދޭތާ 110 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ބައިނަލް އަގުވާމީ ޖަމާއަތެކެވެ. މި ޖަމާއަތުގެ ކުލަބުތައް ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމެއްގައި ވެސް ހުރެ އެވެ. ރާއްޖޭގައި ރޮޓަރީ ކްލަބުގެ ގޮތްޕެއް ހުޅުވާފައި ވަނީ ފެބުރުއަރީ 2013 ގަ އެވެ.