އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ރޭ ކުރި ހޯދުމަށްފަހު، އެ ނަތީޖާއާ މެދު ހިންހަމަ ޖެހޭ ކަމަށާއި، ނަމަވެސް ކުޅުންތެރިންގެ ކުޅުމާމެދު އެހާ ހިންހަމަ ނުޖެހޭ ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުން ބުނެފިއެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިއުގެ ބޯޑް މެންބަރު އަހުމަދު ޒަރީރު ވިދާޅުވީ މެޗުގެ ދެ ވަނަ ހާފު ފެށިއިރު ނިއުއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ނިއުއަށް ނުހިފުނު ކަމަށެވެ.

"ކުޅުމާމެދު އެއްޗެކޭ ބުނަންޏާ ދެވަނަ ހާފް ފަށައިން ނިއު ކުޅެމުން ދިޔައީ ވަރަށް ރަނގަޅަށް، ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއްވެސް ލިބުނު. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށް ލަފާ ކުރެވެނީ، ފަހުން ކުޅުންތެރިން ފެނިގެން ދިޔައީ ތަންކޮޅެއް ބޮޑަށް ޕްރެޝަރަށް ވެއްޓުނުތަން،" ޒަރީރު ވިދާޅުވިއެވެ. "ޖުމްލަކޮށް ކުޅުމާ ދޭތެރޭ އެންމެ ހިންހަމައެއް ނުޖެހޭ، ނަމަވެސް ނަތީޖާއާ މެދު ހިންހަމަޖެހޭ،"

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ނިއު ލީޑު ނަގާފައި ވަނިކޮށް، ދެ ވަނަ ހާފްގައި ވިކްޓްރީ ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ފަހުކޮޅު ނިއުގެ ރިލްވާން ވަހީދު (ރިލޭ)އަށް ދެއްކި ރަތް ކާޑާއެކު، 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ނިއުގެ ބާކީ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި އަހުމަދު ފަޒީލް (އޮއްޕޮ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ރޭ ކުޅެން އަރައި ސެންޓޭ ލަނޑެއް ކާމިޔާބު ކޮށްފައި ވާއިރު، ޒަރީރު ވަނީ އޭނާގެ މެޗް ފިޓްނެސް އަދިވެސް އެހާ ރަނގަޅު ނޫންކަން ފާހަގަ ކޮށްފަ އެވެ. އަދި ރިލްވާނަށް ދެއްކި ރަތް ކާޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަރީރު ވިދާޅުވީ އެކަން ވެގެން ދިޔަ ގޮތް ނިއުގެ ބެންޗަށް އެހާ ރަނގަޅަށް ސާފުވެފައި ނުވާކަމަށެވެ.

"ނިއު ކުޅުނު އެންމެ ފަހު ދެ މެޗުގައިވެސް ސެންޓޭ ބޭނުންކުރަމުން މި ދަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި. އޭނާގެ މެޗް ފިޓްނެސް އަދިވެސް ވަރަށް ދަށް، ނަމަވެސް އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އިންޖަރީގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެފައި ކުޅެން އަރާ ލަނޑެއް ކާމިޔާބު ކުރުމަކީ އޭނާއަށް ވަރަށް ހާއްސަ ކަމަކަށް ވާނެ،" ޒަރީރު ވިދާޅުވި އެވެ.

"ރިލޭއަށް ރަތް ކާޑެއް ދެއްކީ ކިހިނެތް ވެގެން ކަމެއް ނޭންގެ. ނިއުއަށް ހިލޭ ޖެހުމެއް ލިބުމަށް ފަހު، ދެން ފެނުނީ ރިލޭއަށް ރަތް ކާޑެއް ދެއްކިތަން. އެ ހާދިސާ ހިނގަން ދިމާވީ ކީއްވެކަން ޖެހޭނީ ބަލާލަން، ނަމަވެސް ގަސްދުގައ އެހެން ކުޅުންތެރިއަކަށް އަނިޔާއެއް ދިނުމުގެ ގޮތުން ރިލޭ ކަމެއް ކޮށްފާނެ ހެނެއް ހިއެއް ނުވޭ."