ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން ހޮވުމަށް އެމްޑީޕީގެ ކައުންސިލަރުން ވޯޓު ދެއްވާނެ ގޮތެއް ނިންމާނީ ދާއިރާގެ މަޖިލިސްތަކުގެ މަޝްވަރާގެ މަތިންކަމަށް ކަނޑައަޅައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ގައުމީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުން އެގޮތަށް ފާސްކުރުމާ ގުޅިގެން ވޯޓުދޭނެ ގޮތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ގަރާރުގައި ބުނަނީ އެމްޑީޕީ ތަމްސީލް ކުރާ ކައުންސިލަރުންގެ ތެރެއިން އެ ދާއިރާތަކުގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން ކަނޑައެޅުމުގައި ކައުންސިލަރުން ވޯޓުދޭނެ ގޮތެއް ނިންމާނީ އެ ދާއިރާއެއްގެ ދާއިރާ މަޖިލިސްތަކުގެ މަޝްވަރާގެ މަތިން ކަމަށް. އެހެންކަމުން އަންނަ ހޮނިހިރު ދުވަހު ކައުންސިލަރުން ހުވައި ކުރުމަށް ފަހު ރައީސާއި ނާއިބު ރައީސް ހޮވުމަށް ބާއްވާ ބައްދަލުވުމުގައި ވޯޓުދޭނެ ފަރާތްތައް ކަނޑައެޅުމަށް މިހާރު މިދަނީ ތައްޔާރު ވަމުން" އޮފިޝަލް ވިދާޅުވި އެވެ.

މި މަހު ފަސް ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި، އިލެކްޝަސް ކޮމިޝަނުން ރަސްމީ ނަތީޖާ އިއްލާންކޮށްފައިވާ، 19 އަތޮޅު ކައުންސިލްގެ ތެރެއިން ހަތަރު އަތޮޅު ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބިފައި ވެއެވެ. އަދި 188 ރަށު ކައުންސިލްގެ ތެރެއިން 62 ރަށު ކައުންސިލެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ބޮޑު ތަފާތަކުން އެމްޑީޕީ ކާމިޔާބުކޮށްފައިވާއިރު އައްޑޫ ސިޓީކައުންސިލުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ ވެސް އެމްޑީޕީންނެވެ.

ހޯމް މިނިސްޓްރީން ބުނީ އަންނަ ހޮނިހިރު ދުވަހު ކައުންސިލަރުން، މަގާމުގެ ހުވައި ކުރުމަށް ފަހު ގަޑިއެއްހާއިރުގެ ތެރޭގައި ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން ހޮވުމަށް ބާއްވާ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ.