އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއުރޭޑިއެންޓާ ދެކޮޅަށް ވިކްޓްރީ ކުޅުނު މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކުޅުމަށް ބަލާއިރު ވިކްޓްރީއަށް ޕޮއިންޓެއް ހައްގުކަމަށް އެޓީމްގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ރޭ ނިއުރޭޑިއާންޓާ ދެކޮޅަށްކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ނާދު ބުނީ "ދެޓީމާ ދެކޮޅަށް ކުޅެން ޖެހުމުން އެކަން ނުވީ" ކަމަށާއި އެ މެޗްގައި ކުޅުނީ ނިއުރޭޑިއަންޓްގެ އިތުރުން އަދި އެހެން ޓީމަކާދެކޮޅަށް ކަމަށެވެ.

"ކުޅުމަށް ބަލާއިރު ޕޮއިންޓެއް ޙައްޤު އެހެން ނަމަވެސް ދެޓީމާ އެއްކޮށް ކުޅެން ޖެހުނީމާ އެކަމެއް ނުވާނެ،" ނާދު ބުންޏެވެ.

ދެކޮޅަށް ކުޅެންޖެހުނު ދެޓީމަކީ ކޮބައިތޯ ދެންނެވުމުން ނާދު ބުނީ އެކަން ނިންމާނީ މެޗު ބަލަންތިބި މީހުންނާއި ސަޕޯޓަރުން ކަމަށެވެ.

ވިކްޓްރީ ލަނޑު ކާމިޔާބު ކުރި ހިލޭ ޖެހުން ނިއުގެ ގޯލަށް އަމާޒުވަނީ --- ސަން ފޮޓޯ ފަޔާޒު މޫސާ

ނާދު ބުނީ ކުޑަ ދުވަސްކޮޅެއްގެ ފަރިތަކުރުންތަކަށް ފަހު ޓީމްގެ ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތް ހަމަޖެހޭ ކަމަށެވެ.

ނިއުގެ ރިލްވާން ވަހީދަށް ރަތް ކާޑް ދެއްކި ނަމަވެސް ވިކްޓްރީއަށް އޭގެ ބޭނުން ނުހިފުނީ، ނިއުއާ ބަލާފައި ވިކްޓްރީ ކުޅުންތެރިންގެ ތަޖުރިބާ މަދުވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ނިއުރޭޑިއަންޓުން ރޭގެ މެޗާ ހަމަޔަށް އައީވެސް ގިނަމެޗްތަކެއް ކުޅެފައި. ކޯޗެއް ނެތް ނަމަވެސް އެޓީމް ގެ ސްކޮޑު ވަނީ އެކުލާވާލާފަ" ނިއުއާބެހޭ ގޮތުން ނާދު ބުންޏެވެ.

އޭނާ ބުނީ ގިނަ މެޗުތައް ކުޅުނު ވަރަކަށް ޓީމަށް ކުރިއެރުން ލިބި ކުރިއަށް ހުރި މެޗްތަކުގައި ޓީމަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

ރޭގެ މެޗްގައި ނިއުގެ ޕެނަލްޓީ ކާމިޔާބު ކުރި އިބްރާހިމް ފަޒީލް (އޮއްޕޮ) އުފާ ކުރަނީ --- ސަން ފޮޓޯ ފަޔާޒު މޫސާ

ރޭގެ މެޗުން 3-1ގެ ނަތީޖާއަކުން ނިއު މޮޅުވިއިރު މެޗްގެ 90 މިނެޓާ ހަމަޔަށް ވިކްޓްރީއިން ވަނީ ނިއު ހިފަހައްޓާފައެވެ. ނަމަވެސް މެޗުން ނިއު މޮޅުވީ 90 މިނެޓްގައި ނިއުއިން ފޮނުވާލި ހިލޭ ޖެހުން ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި އެޓީމްގެ މިޑްފީލްޑަރު ޗިންޑާ ކަކާގެ އަތުގައި ބޮޅައިން ޖެހުމުން ލިބުނު ޕެނަލްޓީއަށް ފަހުގައެވެ. އަދި ނިއުގެ ތިން ވަނަ ލަނޑު އިތުރު ވަގުތު ކޮޅުގެ އެންމެ ފަހު މިނެތްގައި ކާމިޔާބު ކުރީ ފޯވާޑު ޢަލީ ފާސިރު (ސެންޓޭ) އެވެ.

ނިއުގެ ތިން ވަނަ ލަނޑު ޖެހުމަށްފަހު ޢަލީ ފާސިރު (ސެންޓޭ) އުފާކުރަނީ --- ސަން ފޮޓޯ ފަޔާޒު މޫސާ