21 Apr 2015, 13:13
ދިހަ އަހަރު ވަންދެން ޕްލެނެޓް މާކިއުރީގެ މައުލޫމާތު އެއްކުރަމުން އައި ސްޕޭސް ކްރާފްޓް، "މެސެންޖާ" މިއަހަރު އަމިއްލަ އަށް ހަލާކުވާނެ ކަމަށް ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފި އެވެ.
ނާސާ އިން ނެރުން ބަޔާނެއްގައި ބުނާ ގޮތުގައި މި މަހުގެ ނިމޭ ކޮޅު މާކިއުރީގައި ޖެހި އެ ސްޕޭސް ކްރާފްޓް ހަލާކުވުމަކީ ނާސާއިން ރާވާފައިވާ ގޮތުގެ މަތިން ވާނެ ގޮތެއް ކަމަށެވެ.
އެ ސްޕޭސް ކްރާފްޓް، 8،000 މައިލްސް ޕާ އަވާގެ ސްޕީޑެއްގައި ދަތުރު ކޮށްފައި ގޮސް މާކިއުރީގެ ސާފޭސްގައި ޖެހޭއިރުު އެ މަންޒަރު ސައިންޓިސްޓުންނަށް ނުފެންނާނެ ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ. ސަބަބަކީ، މެސެންޖާ ގޮސް މާކިއުރީގެ ބިމުގައި ޖެހޭނީ ދުނިޔެއަށް ފުރަގަސްދޭ ފަރާތުން ކަމަށް ނާސާ އިން ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި ނާސާއިން ވަނީ އެ ސްޕޭސްކްރާފްޓް ވެއްޓުން ޑިލޭ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ހީލިއަމް ހުސްވާން ކައިރި ވާން އުޅުމާ ގުޅިގެން އެ ސްޕޭސް ކްރާފްޓް ވެއްޓޭނެ ކަމަށް ނާސާއިން ވަނީ ބުނެފައެވެ.
ނާސާ އިން ކުރިން ނިންމާފައި ވަނީ އެއް އަހަރު ދުވަހަށް މާކިއުރީ ވަށައިން މެސެންޖާ އޯބިޓް ކުރުމަށެވެ. ނަމަވެސް 2012 ވަނަ އަހަރު މާކިއުރީ އިން ކާމިޔާބު ހޯދުންތަކެއް ފެނިފައި ވުމުން ނާސާ އިން ނިންމާފައި ވަނީ އެ ސްޕޭސް ކްރާފްޓްގެ ޕްރޮޕެލެންޓް ހުސްވުމުން އޭގެ ޕްރޮޖެކްޓައް ނިންމުމަށެވެ.