މާފުށީ ޖަލުން މިދިޔަ އަހަރު ފިލި، ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހްމަދު އޭނާއަށް އިއްވާފައިވާ މަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކުރީގެ ޖިނާއީ ކޯޓުން 2008 ވަނަ އަހަރު ފަރިޔާޝް މެރުމަށް ހުކުމް އިއްވާފައި ވަނީ 2006 ވަނަ އަހަރުގެ ތެރޭގައި އިތުރު ބަޔަކާ ބައިވެރިވެގެން ގއ. ވިލިނގިލީ، ކަނޑުއޮޅި، މުހައްމަދު ޝިހާބު މަރާލާފައިވާކަން އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

ސަން އަށް އެނގިފައިވާގޮތުގައި ފަރިޔާޝްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މުހައްމަދު ޝިހާބުގެ މަރާގުޅިގެން ފަރިޔާޝްގެ އިތުރުން އިތުރު ތިން މީހަކަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އެއީ ގއ. މާމެންދޫ މާމެންދޫ، މާސް، އަލީ މަސްއޫދު ސައީދާއި އެރަށު ތަރިވިދާގޭ މުހައްމަދު ގާސިމާއި ޕިންކްލައިޓް މުހައްމަދު ޝިފްރާޒްގެ މައްޗަށެވެ.

އެމީހުންގެ ތެރެއިން މުހައްމަދު ގާސިމްގެ މައްޗަށް އިއްވި މަރުގެ ހުކުމް 2013 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ހައިކޯޓުން އިއްވި ހުކުމްގައި އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ އަމުރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ އެ ކޯޓަށް ހުށަހެޅިކަމެއް އަދި އެނގިފައެއް ނުވެއެވެ.

ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާ އެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ފަރިޔާޝް މާފުށީ ޖަލުން ފިލާފައިވަނިކޮށް ފުލުހުން އޭނާ ހޯދައި ހައްޔަރުކޮށްފައި ވަނީ އޭގެހަތަރު ވަނައަށްވީ ދުވަހު ހޮޓަލެއްގެ ތެރެއިންނެވެ.