21 Apr 2015, 11:07
ގަލޮޅު ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ދެ ބިދޭސީން ސަލާމާތް ކޮށް އެ މީހުން ރަހީނުކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ބަނގުލަދޭޝްގެ 23 އަހަރުގެ ފިރިހެނަކާއި އެ ގައުމު 24 އަހަރުގެ ފިރިހެނަކު ރަހީނު ކޮށްފައިވަނީ އިއްޔެ އިރުއޮއްސި 6:00 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ދެމީހުން ސަލާމަތް ކޮށްފައި ވަނީ ރޭ މެންދަމު 2:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށެވެ.
ފުލުހުން ބުނީ ބިދޭސީން ރަހީނުކޮށްފައި ތިބި ގެއަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުންކޮށް ގެން ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީން ރަހީނުކޮށްފައި ހުރި ގެއަކީ މީހުން ވެސް ދިރިއުޅޭ ގެއެކެވެ. އަދި އެ ދެބިދޭސީން ރަހީނުކޮށްފައި ތިބީ އެގޭގެ ދެ ވަނަ ފަންގިލާގަ އެވެ. ފުލުހުން އެގެއަށް ވަދެފައިވަނީ އެގޭގެ ދޮރު ހަލާކުކޮށްލައިގެނެވެ.
ފުލުހުން ބުނީ އެގެއަށް ވަތް އިރު ރަހީނުކޮށްފައި ތިބި ދެ ބިދޭސީންގެ ގައިގާ ތަޅައި މާރާމާރީ ހިންގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް މާބޮޑު ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން ބުނީ ދެ ބިދޭސީން ރަހީނު ކުރުމަށްފަހު ގިނައަދަދެއްގެ ފައިސާ އެ ދެމީހުން އަތުން އަތުލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ އިތުރުން ބިދޭސީއަކާއި އިތުރު ދިވެހިންގެ ބަޔަކު ވެސް އެކަމުގައި ބައިވެރިވެފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.