ތ. ވިލިފުށީ މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި، އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ވިލުފުށިން އުމުރުން 36 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ 12:15ގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ކައުންސިލްގެ ރައީސް އެވެ. ވިލުފުށީ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އެ ރަށުގައި މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންގެ މަސައްކަތަށް ހުރަސް އަޅައި އެމީހުން ބޭނުންކުރާ އޮފީހަށް ވަދެ އޮފީހުގައި ތިބި މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް ހަޅޭލަވައި ހެދުމުން ކަމަށެވެ.

ވިލުފުށީގައި މަގުހެދުމުގެ މަސައްކަތް ކުރަމުން އަންނަ ރޯޑު ޑެވްލޮޕްމަންޓް ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ މަގުހެދުމުގެ މަސައްކަތަށް ކައުންސިލްގެ ރައީސް ހުރަސް އެޅީ އެއީ ސަރުކާރުން ކުރާ ކަމަކަށް ވާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްގެ ރައީސް އިއްޔެ ވެސް ވަނީ މަގުހެދުމަށް ލެވެލް ކުރަން ޖަހާފައި ހުރި ދަގަނޑުތައް އުފުރާ ހަދާތަން ބަޔަކަށް ފެނިގެން ރިޕޯޓު ކޮށްފަ އެވެ. އަދި މަގުހެދުމަށް ޖަހާފައި ހުންނަ ދަގަނޑުތައް ތަކުރާރުކޮށް އުފުރާކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ވިލުފުށީ މަގުހެދުމުގެ މަސައްކަތް މި އަހަރުގެ ފެބުރުއަރީ މަހު ފަށާފައި ވަނީ ހަ މަސް ދުވަހުގެ ތެރޭ އެ މަސައްކަތް ނިންމާ ގޮތަށެވެ. އަދި އެ މަސައްކަތުގެ ސަބް ކޮންޓްރެޓަރަކީ ސިއެރާ އެވެ.