ދައުލަތުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އެބޭފުޅުން ބްލެކްމެއިލްކުރުމަށް މަސައްކަތްކުރިކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެ ފަރާތެއް ހައްޔަރުކޮށް، ޤާނޫނީ ފިޔަވަޅު އެޅެންވާނެ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.

ޒުހެއިރު މިއަދު ވިދާޅުވީ، ވަކި ބޭފުޅުންތަކަކަށް ޓާގެޓްކޮށް، އެބޭފުޅުންގެ ބަރަހަނާ ފޮޓޯ އާއި މަންޒަރުތައް އެބަހުރި ކަމަށް އެކި ވެބްސައިޓުތަކުގައި ބުނަމުންދާއިރު ބްލެކްމައިލްކުރަން މަސައްކަތްކުރި މީހުންގެ އަތުގައި ހުރި މަންޒަރަކީ އަސްލީ އެއްޗެހިތަކެއްތޯ ފުލުހުން ޔަގީންކޮށްދޭން އެބަޖެހޭ ކަމަށެވެ.

"މި ހިންގައިގެން އުޅޭ ޖަރީމާއެއްގައި ޝާމިލު ވަނީ ދެ ފަރާތެއް. އެއް ފަރާތަކީ އެ ޖަރީމާ ހިންގި މުޖުރިމުންކަމުގައި ތުހުމަތުކުރެވިފައިވާ މީހުން ބޭނުންކުރި ސޮފްޓްވެއާއެއްގައި ހަދައިފައި ހުރި އަސްލީ ނޫން ތަސްވީރުތަކެއް. ހަމަ އެގޮތަށް ފުލުހުން ޔަގީންކުރައްވަންވާނެ އޭގެ އަނެއް ފަޅިން ދައްކަވާ ތަސްވީރުތަކަކީ ވެސް ހަދައިފައި ހުރި އަސްލީނޫން ތަސްވީރުތަކެއްތޯ. އެ ވިދާޅުވި ގަޑިއެއްގައި އެ ވިދާޅުވި ވަގުތަކަށްތޯ. އެހެންނޫނިއްޔާ ހަމަ ވަކި ބޭފުޅުންގެ ތެރެއިން ވަކި ބަޔަކު ގަސްތުކުރައްވާ ބޭފުޅުންނަކަށް އަމާޒުކުރެވި، ބައެއް ނަންފުޅުތައް ވެބްސައިޓުތަކުގައި އާއްމުވެސް އެބަކުރައްވައި،" ޒުހެއިރު ވިދާޅުވި އެވެ.

އަދި އެއިން އެއްވެސް ބޭފުޅަކު އެކަމުގައި ޝާމިލުވާ ކަމުގެ "ސާބިތު ހެއްކެތް، ނުވަތަ އިޝާރާތެއް" ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.

ޒުހެއިރު އިތުރަށް ވިދާޅުވީ، ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ސަރުކާރުން ހުރަސް އަޅައިފައިނުވާނެ ކަމަށާއި އެއްވެސް މީހަކު ހައްޔަރުނުކުރުމަށް އަންގައިފައިނުވާނެ ކަމަށެވެ.

"މިކަމުގައި ވަކި މީހަކު ހައްޔަރުނުކުރައްވާކަށް، ނުވަތަ ވަކި މީހަކާ ދޭތެރޭގައި ލުއިކުރައްވާކަށް މިއިން އެއްވެސް ކަމެއް އަންގައިފައެއް ނޯންނާނެ. ފުލުހުންނަކީ އެމީހުންގެ އަމިއްލަ ޤާނޫނެއް އޮވެގެން އެބޭފުޅުން ވަރަށް މުސްތަގިއްލުކޮށް މަސައްކަތްކުރައްވައި މުއައްސަސާއެއް. އެހެންވެ ފުލުހުންގެ ޤާނޫނުގެ ދަށުން އެންމެހާ އިޚުތިޔާރަކާ ބާރެއް މި ތަހުގީގުގައި ލިބިވަޑައިގެންވާ. ދެން އެކަމުގައި މައްސަލަ ކުރިއަށްގެންދެވޭ ފެންވަރުގެ ބޭފުޅަކު، ނުވަތަ ތުހުމަތުކުރެވޭ ފަރާތެއް ހުންނެވި ކަމަށްވަންޏާ އެބޭފުޅަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅަންވާނެ." ޒުހެއިރު ވިދާޅުވި އެވެ.

ދައުލަތުގެ ބައެއް އިސްވެރިންގެ ބަރަހަނާ މަންޒަރުތައް ފޮޓޯ އާއި ވީޑިއޯ އާއްމުވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. އެގޮތުން އެ ތަކެތި ބަލައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ބައެއް ވެބްސައިޓުތަކުގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ ކަމަށް ބުނާ އިސްވެރިންގެ ނަންތައް ވެސް ވަނީ ހިމަނައިފަ އެވެ. އަދި ތަފާތު ސޯޝަލް ނެޓްވޯކްތަކުގައި އެ ޚަބަރު ދަނީ އެކި ގޮތްގޮތަށް ފެތުރެމުންނެވެ.

ބަރަހަނާ މަންޒަރުތައް ރެކޯޑްކޮށް، އެތަކެތި ބޭނުންކޮށްގެން ބްލެކްމައިލް ކުރަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރެވޭ 14 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނެ އެވެ.