21 Apr 2015, 09:37
އައްޑޫ ސިޓީގައި އެޅި ފުޓްސަލް ދަނޑުތަކުގެ ތެރެއިން ހިތަދޫ ފުޓްސަލް ދަނޑު ރޭ ހުޅުވައިފި އެވެ.
އެ ދަނޑު ހުޅުއްވައިދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ އައްޑޫސިޓީގެ ފަސް އަވަށެއްގައި ގާއިމު ކުރި ފުޓްސަލް ދަނޑުތަކަކީ އައްޑޫގެ ޒުވާނުންނަށާއި ސްކޫލްތަކަށް މުހިއްމު ވަސީލަތަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިދަނޑުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި މަލީހު ވަނީ އައްޑޫގައި ގާއިމު ކުރާ ސްޕޯޓްސް އެރީނާގެ ދަށުން އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކުޅޭނެ ތަންތަން ވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ހިތަދޫއަށް ނިސްބަތްވާ ކައުންސިލްގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު މުޙައްމަދު ޔަސްރިފާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޙުސައިން ހިލްމީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މީގެ ކުރިން އައްޑޫގައި ހުޅުވި ފުޓްސަލް ދަނޑު ހުޅުއްވައި ދެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވެފައި ވަނީ ޕަޓާސް ބަރިއެއް ހެން ފުޓްސަލް ދަނޑުތައް ހުޅުވަމުން ގެންދާނެ ކަމަށެވެ.
މިހާތަނަށް އެމިނިސްޓްރީ އިން ވަނީ 17 ފުޓްސަލް ދަނޑެއް ގާއިމުކޮށްފަ އެވެ.