ދާކާ (އެޕްރީލް 21) : ބަންގްލަދޭޝްގެ އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)ގެ ޒައީމާ އަދި ކުރީގެ ބޮޑުވަޒީރާ ބޭގަމް ޚާލިދާ ޒިޔާގެ ކާރުކޮޅަށް ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާތަކަކުން އެކަމަނާ ސަލާމަތްވެ ވަޑައިގެންފި އެވެ.

މިޙަމަލާތައް ފުރަތަމަ ދިނީ ދަނގަނޑު ހޮޅިބުރިތަކަކުންނާއި ބަޑިން ދިން މިޙަމަލާތައް ޚާލިދާގެ ކާރުކޮޅަށް އެރިނަމަވެސް އެއީ ވަޒަންނާރާ ކާރުކޮޅަކަށްވާތީ އޭނާ އަށް ގެއްލުމެއް ލިބިވަޑައިގެންފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ކާރުން ބޭރުގައި އެވަގުތު ހުންނެވި ޚާލިދާގެ ހަށިފާރަވެރިއަކާއި އޭނާއަށް ސަޕޯޓްކުރާ ބައެއްމީހުން މިޙަމަލާތަކުގައި ޒަޚަމްވިކަމަށް ބަންގްލަދޭޝް ނެޝަނަލް ޕާޓީގެ ބަޔާނެއް ބުނެ އެވެ.
ބޭގަމް ޚާލިދާ އަށް ހަމަލާދިނީ މިހާރުގެ ބޮޑުވަޒީރާ ޝައިޚް ހަސީނާއަށް ތާއީދުކުރާ ގޭންގެއްގެ ބައެއްކަމަށް ބަންގްލަދޭޝް ނެޝަނަލް ޕާޓީގެ މަސްއޫލުވެރިއަކު ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް މިކަން ކަށަވަރުވެފައެއް ނުވެ އެވެ. ހަތިޔާރުއަޅައިގެން ތިބި ގޮތްނޭނގޭ ބަޔަކު ޚާލިދާގެ ކާރުކޮޅަށް ޙަމަލާތައް ދިނީ ވެރިރަށް ދާކާގައި ސިޔާސީ އެއްވުމެއްގައި އެކަމަނާ ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު އެނބުރި ގެއަށް ވަޑައިގެންނެވުމުގެ މަގުމަތީގަ އެވެ. ސިޔާސީ އެއްވުމެއް ބޭއްވީ ދާކާ ސިޓީގެ ލޯކަލް އިންތިޚާބަކަށް ކޭންޕޭން ކުރެއްވުމަށްކަމަށްވެ އެވެ.
ބޭގަމް ބޭގަމް ޚާލިދާ ޒިޔާ ބަންގްލަދޭޝްގައި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވެ އެވެ. އެކަމަނާއަކީ ބަންގްލަދޭޝްގެ ކުރީގެ ރައީސް ޟިޔާއުއްރަޙްމާންގެ ހުވަފަތް އަނބިކަނބަލުންނެވެ. ޟިޔާއުއްރަޙްމާން ވަނީ ބަންގްލަދޭޝްގެ ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް މުޙައްމަދު ޙުސައިން އިރުޝާދު 1982 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި އަވަހާރަކޮށްލާފަ އެވެ. (ނޫސްއެޖެންސީތައް)