21 Apr 2015, 01:13
އަލްޤައިދާ ޖަމާއަތާއި ގުޅުން އޮންނަ، ސޯމާލިއާގައި ހަރަކާތްތެރިވާ އައްޝަބާބް މޫވްމަންޓާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިހަ ހާސް ސިފައިން ތަމްރީން ކުރުމަށް ކެންޔާއިން ނިންމައިފިއެވެ.
ކެންޔާގެ ވެރިރަށް ނައިރޯބީގެ ޑެގްރޫޓީ ސަރަހައްދުގެ ސިފައިންގެ ކޮމާންޑަރު ރާޝިދު މުހައްމަދު ވިދާޅުވީ، އިއްޔެ ސިފައިންގެ ވަޒީފާއަށް އެދި ހުޅުވާލުމުން، އިއްޔެ އެކަނިވެސް 1400 އަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށެވެ.
"މިއަހަރު ކެންޔާގެ ސިފައިންގެވަޒީފާއަށް އިޢުލާން މިކުރެވުނީ އެންމެ ރަނގަޅު ވަގުތުގައި. އަޅުގަނޑުމެންގެ ޤައުމު އެދެނީ މިޤައުމުގެ ސިފައިންނަކީ ޝަބާބާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރެވޭ ބަޔަކަށް ވުން،" ރާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަލަށް ރެކްރޫޓްކުރާ ސިފައިންގެ ތެރެއިން ހަ ހާސް ސިފައިން ބޭނުންކުރާނީ ސިފައިންގެ އޮފިސަރުންގެ ގޮތުގައި ކަމަށާއި އަނެއް ހަތަރު ހާސް ސިފައިން ބޭނުންކުރާނީ ސިފައިންގެ އާ އިދާރާތައް އުފެއްދުމަށް ކަމަށެވެ.
ރާޝިދު އިތުރަށް ވިދާޅުވީ، ކެންޔާއިން އިތުރު 30،000 ސިފައިން ރެކްރޫޓްކޮށް އަސްކަރީ ޚިދުމަތަށް ނެރެންޖެހިފައިވާ ކަމަށެވެ.
ސޯމާލީއާގެ އައްޝަބާބް ގްރޫޕުން ވަނީ މިމަހު ކުރީކޮޅު ކެންޔާގެ އުތުރު ސަރަހައްދުގައި ހުންނަ ގަރިއްސާ ޔުނިވަސިޓީއަށް ދިން ހަމަލާގައި 148 މީހުން މަރާލާފައެވެ. މީގެތެރޭގައި ގިނައީ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުންނެވެ.
ގަރިއްސާގެ ހަމަލާއަށްފަހު ކެންޔާގެ ރައީސް އުހުރޫ ކެންޔާޓާ ވަނީ މިދިޔަ އަހަރު ދިހަ ހާސް ސިފައިން ތަމްރީންކުރުމަށް އިއުލާންކޮށްފައިވާ ކުރުން، އަލުން މިއަހަރު އިއުލާންކޮށްފައެވެ.
މިދިޔަ އަހަރު ދިހާ ހާސް ސިފައިން ތަމްރީން ކުރުމަށް ނެރުނު އިއުލާން މަޑުޖައްސާލުމަށް ނިންމާފައިވަނީ، އެކަމުގައި ކޮރަޕްޝަންގެ މައްސަލަ ހިމެނޭ ކަމަށް ކަނޑައަޅައި ނެރުނު ކޯޓް އަމުރަކާ ގުޅިގެންނެވެ.