21 Apr 2015, 00:29
އުރީދޫ ދިވެހި ޕްރިމިއަރ ލީގު މިރޭ ރަސްމީކޮށް އިފްތިތާހު ކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި، ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް މުބާރާތުގެ ފުރަތަމަ ކާމިޔާބީ ހޯދައިފިއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ވަގުތުކޮޅު ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައި ވީނަމަވެސް، ނިއު ވަނީ 19 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ފަޒީލް (އޮއްޕޮ) ދިން ޕާހަކުން އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ވިލިއަމް މެކޯ އެވެ.
ނިއުގެ ދެވަނަ ލަނޑު މެޗު ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އޮއްޕޮ އެވެ. އަދި މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު ކުޅެން އެރި އެ ޓީމްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުގައި ވިކްޓަރީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފްގެ 74 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމީޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާ ގިނައިރުތަކެއް ނިވަނީސް ލިބުނު ހިލޭ ޖެހުމަކުން، އެ ޓީމްގެ ޒުވާން ފޯވާޑް އަހުމަދު ޒިއާން އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ނިއުއިން ލީޑު ނެގުމަށްފަހު އެ ޓީމްގެ ވިލިއަމް ރަނގަޅު ޝޮޓެއް ކުރިއަށް ފޮނުވާލިއިރު، އެ ޝޮޓު ދިޔައީ ވިކްޓްރީގެ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ވިލިއަމްގެ ހަމަލާއަށް ފަހު ވިކްޓަރީން ކުޅުން ރަނގަޅު ކޮށްފައި ވާއިރު، އެ ހާފްގެ ފަހު ވަގުތުކޮޅު އެ ޓީމްގެ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ އޮމޮޑޫ އާއި އަބްދުލް ކަދީރު ކުރިއަށް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވީ ނިއުގެ ކީޕަރު އެލީޝަރ އެވެ.
ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށީ ނިއު އެވެ. އެގޮތުން ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު ތެރޭ ނިއުގެ ފޯވާޑް ލައިނުން ވިލިއަމް ވަނީ ވިކްޓަރީގެ ޑިފެންސަށް ޕްރެޝަރު ކޮށްފައެވެ. ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ނިއުއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، 61 ވަނަ މިނެޓުގައި ސެންޓޭ ކުރިއަށް ފޮނުވާލި ބޯޅަ ވިކްޓަރީގެ ކީޕަރު ތޮލާލް، ކުޅުމުގެ ތެރެއަށް ފޮނުވަލިއިރު، ރީބައުންޑްގައި ލިބުނު ބޯޅައިން ނިއުގެ ކެޕްޓަން އައްސަދު އަލީ ކުރިއަށް ފޮނުވާލި ބޯޅަވެސް ހުށިޔާރު ކަމާއެކު ދިފާއުކުރީ ތޮލާލް އެވެ.
މެޗުގެ ފަހު 20 މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ވިކްޓަރީ ވަނީ ކުރިއަށް ޖެހިލައިގެން ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެ ޓީމު ކުރަމުން ދިޔަ މަސައްކަތް ބޭކާރު ވެގެން ދިޔައީ، ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން ކުރިއަށް ފޮނުވާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރި އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ކަކާގެ އަތުގައި ޖެހި، ނިއުއަށް ޕެނަލްޓީއެއް ލިބުމުންނެވެ.