21 Apr 2015, 00:06
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ކައުންސިލްގައި ހިމެނުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ 10 މެމްބަރުން މިއަދު ހޮވައިފިއެވެ.
ޕީޕީއެމް ކައުންސިލަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ 10 މެމްބަރުން ހޮވާފައި ވަނީ މިއަދު މެންދުރު މުލިއާގޭގައި ބޭއްވި އެޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ "ސަން" އަށް ވިދާޅުވީ، ޕީޕީއެމްގެ ކައުންސިލުގައި އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަން ޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލަށް ޕީޖީ ގުރޫޕުގެ 10 މެމްބަރުން ހޮވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ނިހާން ޓުވީޓާ
"ދެން މިވާ ގޮތަކީ ކައުންސިލްގައި އެބަ ތިއްބެވި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެހެންނަމަވެސް މި ދައުރަށް މާނައަކީ 18 ވަނަ މަޖިލީހަށް ހޮވިވަޑައިނުގަންނަވާ މެމްބަރުން. އެހެންވީމަ އަޅުގަނޑުމެން ޕާޓީގައި އެދުނީ މުޅިން ފްރެޝް މެމްބަރުން ކައުންސިލަށް ލުމަށް. އެގޮތަށް މި ވޯޓު ނެގިގެން މިދިޔައީ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ، ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް އެޕާޓީގެ ކައުންސިލުން "އޮޓަމެޓިކަލީ" ޖާގަ ލިބިގެންދާނެ ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގާއި ހުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު ޝާހިިދުއާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްއާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.