20 Apr 2015, 22:58
ރާއްޖޭގައި ކުރިއަށް ގެންދާ ދިވެހި ލީގު، "އުރީދޫ ދިވެހި ޕްރިމިއަރ ލީގް"އަށް ރިބްރޭންޑްކޮށް، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ އެ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގު ހުޅުވުމަށް މިރޭ ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ލީގު އިފްތިތާހު ކޮށްދެއްވާފައި ވަނީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި، ދިވެހި ޕްރިމިއަރ ލީގުގެ މެއިން ސްޕޮންސަރ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި، އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް އަދި ސަރުކާރު ވުޒާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.
ބޮޑުބެރާއި މިއުޒިކުގެ ފޯރިގަދަ ހަރަކާތްތަކަކާއި ހަވާއެރުވުންވެސް ހިމެނިގެންދިޔަ މިރޭގެ ރަސްމިއްޔާތުގައި އެފްއޭއެމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް، ލިލީ އެންޓަޕްރައިޒަސް (ނެސްލޭ މައިލޯ)، އުރީދޫ މޯލްޑިވްސް، އެމްބީސީ، ކޮކާ ކޯލާ އަދި މޯލްޑިވިއަންއަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
އޭގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި އެފްއޭއެމުން ހޮވާ 2013 އަދި 2014 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްވެސް ވަނީ އެވޯޑް ދީފައެވެ. 2013 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް އަލީ އަޝްފާގު (ދަގަނޑޭ) ހޮވުނުއިރު، 2014 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާ އަދި ޓޮޕް ސްކޯރާގެ މަގާމް ހޯދީ އަސަދުﷲ އަބްދުﷲ އެވެ.
ދިވެހި ލީގުގެ ނަން އުރީދޫ ދިވެހި ޕްރިމިއަރ ލީގަށް ރިބްރޭންޑްކޮށް، މިރޭ އެ މުބާރާތް ރަސްމީކޮށް ފަށާފައި ވާއިރު، އެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. އެގޮތުން އެ މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް މިފަހަރު ދޭ ފައިސާގެ އިނާމް 1،000،000 ރުފިޔާއަށް އިތުރުކޮށްފައި ވާއިރު، މިއީ މީގެ ކުރިން އެ މުބާރާތުގައި ދެމުން އައި 100،000 ރުފިޔާގެ ފައިސާގެ އިނާމަށް ވުރެ 10 ގުނަ ބޮޑު އަދަދެކެވެ.
އޭގެ އިތުރުން ލީގުގައި ހިމެނޭ އަށް ކްލަބް ހިންގުމަށް އެފްއޭއެމުން މިފަހަރު ދޭ ފައިސާގެ އަދަދު ވަނީ 1.6 މިލިއަން ރުފިޔާއަށް އިތުރު ކޮށްފައެވެ. އަދި މިފަހަރުގެ ލީގުގައި ވާދަކުރާ އަށް ކްލަބް އެ ކްލަބްތައް ނިސްބަތްވާ އަވަށްތަކަށް ބަހާލާފައި ވާއިރު، ކޮންމެ ކްލަބަކުންވެސް އެ ކްލަބެއްގެ ރަސްމީ ލަވައެއް ތައާރަފް ކުރާގޮތަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިފަހަރު ހިމެނޭ އަށް ކްލަބަކީ މިދިޔަ އަހަރުގެ ދިވެހި ލީގު ޗެންޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި، ރަނަރަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ވިކްޓްރީ ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިޔާ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބެވެ.