21 Apr 2015, 00:12
އެންވަޔަރަމަންޓު މިނިސްޓްރީއާ ޔުނައިޓެޑު ނޭޝަންސް (ޔޫއެން) ގުޅިގެން ލ. ފޮނަދޫގައި "ލާމު ކްލައިމެޓު ޗޭންޖު ފޯރަމް" ގެ ނަމުގައި ކްލައިމެޓު ޗޭންޖު ފޯރަމެއް ބާއްވައިފި އެވެ.
މިއަދު ފެށި މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓު މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ ފާއިތުވެދިޔަ އަހަރު ލެކްރެޑު ޕްރޮގުރާމުގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ވަލްނަރަބިލިޓީ ފީލްޑް އެސެސްމަންޓާއި ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމަށް އެކުލަވާލެވުނު ރެސްޕޮންސް ޕްލޭންތަކާއި އަދި ލ. އަތޮޅުގައި ސެންޓްރަލް ޕަވާ ސިސްޓަމެއް ގާއިމްކުރުމަށް ކުރިއަށް ގެންދެވުނު ފީސިބިލިޓީ ސްޓަޑީ ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ލާމު ކްލައިމެޓު ޗޭންޖު ފޯރަމް" ގައި މިނިސްޓަރު ތާރިގު ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ އެންވަޔަރަމަންޓު މިނިސްޓްރީ
މިނިސްޓަރު ތާރިގު ވިދާޅުވީ އާންމު ރައްޔިތުންނަށް ހުޅުވާލައިގެން އެފަދަ ފޯރަމްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ ފޯރަމްގެ ތެރެއިން މުޖުތަމައުގެ އެކި ދާއިރާތަކުގެ މީހުންގެ ތަޖުރިބާ އާއި މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެފަދަ ފޯރަމެއްގައި ލިބޭ ޚިޔާލުތަކައި އެކިއެކި ފަރާތްތަކުގެ ތަޖުރިބާއަކީ މުސްތަގުބަލުގައި މަޝްރޫއުތައް ފުރިހަމަކުރުމާ އެކު ރޭވުމަށްޓަކައި ބޭނުންތެރި ޚިޔާލުތަކަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޔޫއެން ރެޒިޑެންޓު ކޯޑިނޭޓަރު ޝޮކޯ ނޮޑާ ވިދާޅުވީ މިއަދު ފެށިގެން ދިޔަ ފޯރަމްގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
"ލާމު ކްލައިމެޓު ޗޭންޖު ފޯރަމް" ގައި ޔޫއެން ރެޒިޑެންޓު ކޯޑިނޭޓަރު ޝޮކޯ ނޮޑާ ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ އެންވަޔަރަމަންޓު މިނިސްޓްރީ
އެ ޕްރޮޖެކްޓުގެ ސަބަބުން ލ.އަތޮޅުގެ ދުވާލު ކަރަންޓުގެ ޑިމާންޑުގެ 30 އިންސައްތައާ އެއްވަރަށް އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ވޭސްޓު މެނޭޖުމަންޓު ޕްލޭން ތަކެއް އެކުލަވާލެވި އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށާއި ފެނާއި ކަރަންޓާއި އަދި އެހެނިހެން އިޖުތިމާއި އަދި އިގްތިސާދީ ދާއިރާތަކަށް އަމާޒުކޮށްގެން އާންމު ފަރުދުންނަށާއި އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކަށް ހުޅުވާލެވޭ "ސްމޯލްގްރާންޓް" ސްކީމެއް ވެސް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެންވަަރަމެންޓު މިނިސްޓްރީން ބުންޏެވެ.