ލ. ގަމުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލި ކަމަގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ލ. ގަމު މަތިމަރަދޫ އަވަށުގެ ރެސްޓޯރެންޓެއްގެ ތެރޭގައި އުމުރުން 19 އަހަރުގެ ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މާރާމާރީގައި ޒަހަމްވި ޒުވާނާ އަށް ގަމު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާ އަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ.

ޒަހަމުވި މީހާ އާއި ހައްޔަރު ކުރި މީހުންގެ މައުލޫމާތެއް ފުލުހުން ނުދިނެވެ.

ގަމުގައި ހިންގި މާރާމާރީގައި ކަތިވަޅި އާއި ދަގަނޑު ބުރި ގެންގުޅުނު ކަމަށް ރަށުތެރޭގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުންގެ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިންގުމުގައި އެފަދަ ތަކެތި ބޭނުން ކުރި ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ. އަދި އެޒާތުގެ އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް އަދި ގެނެސްފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގި ސަބަބެއް އަދި މިހާތަނަށް އެގިފައި ނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީކު ކުރަމުންދާ ކަމަށެވެ.