20 Apr 2015, 18:22
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތް ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ މިއަދު ބޭއްވި އެމަޖިލީހުގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާކުރެއްވުމަށްފަހު އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތުގެ އިތުރުން ލޯކަލް މާރުކޭޓް (ކޮށި ނަންބަރު 207) އާއި މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނު މަގު އުތުރުން ހިއްކާފައިވާ ބިން ވެސް ސަރުކާރަށް ނެގުމަށް ވަނީ ނިންމާފައެވެ،
ރައީސް އޮފީހުން ބުނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގާ އިމާރާތް ސަރުކާރަށް ނެގުމަށް ނިންމާފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، އިޖުތިމާޢީ ބޭނުމަކަށް ކަމަށެވެ.
ލޯކަލް މާރުކޭޓް (ކޮށި ނަންބަރު 207) އާއި މަސް މާރުކޭޓު އެޅުމަށްޓަކައި ބޮޑުތަކުރުފާނު މަގު އުތުރުން ހިއްކާފައިވާ ބިން ސަރުކާރަށް ނަގަން ނިންމާފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، އިޖުތިމާޢީ އަދި އިޤްތިސަދީ ބޭނުމަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެބިންތައް ސަރުކާރަށް ނަގާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމާ ބެހޭ ގަވާއިދު' ގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމާގުޅިގެން އެ ބިންތައް ސަރުކާރަށް އަނބުރާ ނެގުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހައުސިންގ މިނިސްޓްރީއާ ހަވާލުކުރައްވާފައެވެ.