20 Apr 2015, 18:29
މާލޭގައި މިހާރު ކޮންމެ ރެއަކު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް އެއްވާ އެއްވުންތަކުގެ ޒިންމާ ނަގާނެ ފަރާތެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސްގެ ފަރާތުން އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އިސްމާއިލް ނަވީން ވިދާޅުވީ، މާލޭގައި މިހާރު ކުރަމުންދާ ސުލްހަވެރި އެއްވުންތަކާ ގުޅޭ ގޮތުން ފުލުހުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މާލޭގައި މިހާރު އެއްވާ އެއްވުންތަކުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިވަނީ އަމިއްލަ ގޮތުން ކަމަށާއި އެކަމުގައި ޕާޓީގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް އެ ޕާޓީން ބުނެފައިވާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.
"އެއްވުންތައް ކުރިއަށް ގެންދަނީ ވަކި ޕާޓީއަކުން ނޫންކަމަށް ބުނެފައި ވަނީ ޖުމްހޫރީ ޕާޓީން. ޖުމްހޫރީ ޕާޓީން ރަސްމީ ހައިސިއްޔަތަކުން އެ އެއްވުންތަކުގައި ބައިވެރިނުވާ ކަމަށް އަޅުގަނޑުމެން ކައިރި ޕާޓީގެ ލީޑާޝިޕުން ވަނީ ބުނެފައި. ދެން އެކަންތައްތައް ކުރިއަށް ގެންދަވަނީ އެ ޕާޓީގެ އިސް ބޭފުޅުން ހަރަކާތްތަކުގައި ބައިވެރިވެލެއްވި ކަމުގައި ވިއަސް އެ ބައިވެރިވެލައްވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެޕާޓީން ވަނީ ފާހަގަކުރައްވާފައި،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ، މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތައް ނުވަތަ އެއްވުންތައް އިންތިޒާމްކޮށްގެން ކުރިއަށް ގެންދަނީ ކޮން ޕާޓީއަކުން ކަން އެނގެން ފުލުހުން ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އޭރުން އެފަދަ އެއްވުންތަކުގައި ދިމާވާ މައްސަލަތައް ހަލުކުރުމަށް ވެސް އަދި ސަލާމަތާ ރައްކާތެރިކަމަށް ވެސް އެފަރާތްތަަކަށް ގުޅައި މަޝްވަރާކޮށް އިރުޝާދު ދިނުމަށް ކަމަށެވެ.
ސިޔާސީ އެއްވުންތަކަށް ގޮވުމުގައި އަޑުގަދަކުރާ ބޭނުންކުރަމުން ދުއްވާ ޕިކަޕު ފަދަ އުޅަނދުތަކަކީ ވެސް ކޮން ފަރާތަކުން އިންތިޒާމުކޮށްގެން ދުއްވާ އެއްޗެއްކަން ފުލުހުން އެނގެން ބޭނުންވާ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި މިހާރު މާލެ ތެރޭގައި އެއްވުންތަކަށް ވަކި ވަގުތަކަށް ދިއުމަށް ގޮވަމުންދާ ޕިކަޕަކީ ކޮންބައެއް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެއްޗެއް ކަމެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް މާލެ ތެރޭގައި އެއްވެ އުޅޭ ފަރާތްތަކަށް އެއްވެސް ދަތި ކުރުމުގެ ފިޔަވަޅެއް ފުލުހުން ނާޅާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އަޑު އިވޭ މިފަދަ އެއްވުންތަކުގައި ހަރުކަށިކަން ދައްކަން ވާހަކަތައް ދައްކަމުންދާތަން. ޒިންމާދާރުކަން ކުޑަގޮތަށް ވާހަކަތައް ދައްކާފައިވާކަން އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން. މިސާލަކަށް ސައިޒަށް ތިރި ކުރާނަމޭ ފަދަ ބަސްބަސް އެބަ ބޭނުން ކުރޭ. ކުރިމަތިލުމަކަށް ދާކަހަލަ ގޮތަކަށް ވާހަކަތައް ޕޯޓްރޭ ވެގެންދާ ގޮތަށް ވާހަކަތައް އެބަހުރި. އެހެންވީމަ އެފަދަ ބަސްބަސް ބޭނުން ނުކުރުމަށް އަޅުގަނޑުމެން ފުލުހުން އެފަރާތްތަކަށް އިލްތިމާސްކުރަން،" ނަވީން ވިދާޅުވި އެވެ.
މިއަދުގެ ސަރުކާރާ ދެކޮޅަށް މިހާރު މާލެ ތެރޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދަނީ އިދިކޮޅު އެމްޑީޕީއާ އަދާލަތު ޕާޓީއާ ގުޅިގެންނެވެ. އެހެންނަމަވެސް އެ އެއްވުންތަކުގައި ޖުމްހޫރީ ޕާޓީގެ އިސް ބައެއް ފަރާތްތަކުން ބައިވެރިވެފައިވީ ނަމަވެސް އެކަމުގައި އެ ޕާޓީން ރަސްމީކޮށް ބައިވެރިވެފައެއް ނުވެއެވެ.