މަޝްހޫރު ސޯޝަލް ނެޓްވޯކް "ވަޓްސްއެޕް"ގައި މިހާރު މަހަކު 800 މިލިއަން "އެކްޓިވް" ޔޫޒަރުން ތިބޭ ކަމަށާއި މި އަހަރު ތެރޭގައި އެ އަދަދު އެއް ބިލިއަނަށް އަރާނެ ކަމަށް ބެލޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ބިޒްނަސްއިންސައިޑަރއިން ބުނެފައިވާ ގޮތުގައި، ވަޓްސްއެޕަށް މިވަނީ، ހަތަރުވަރަކަށް މަސްދުވަހުގެ ތެރޭގައި 100 މިލިޔަނަށްވުރެ ގިނަ އެކްޓިވް ޔޫޒާސް އިތުރުވެފައެވެ.

މެސެޖް ކުރުމަށް ބޭނުންކުރާ ސޯޝަލް ނެޓްވޯކުތަކުގެ ތެރެއިން ވަޓްސްއެޕަކީ މިހާރު އެންމެ ގިނަ ޔޫޒާސް ތިބޭ އެއް ޕްލެޓްފޯމް ކަމަށް ވޯލްސްޓްރީޓް ޖާނަލް އިން ވަނީ ބުނެފައެވެ. އެގޮތުން ވަޓްސްއެޕަކީ އެފަދަ އެޕްލިކޭޝަންތަކުގެ ތެރެއިން މެސެންޖާ އާއި ވީޗެޓް އެޕްލިކޭޝަންތަކަށް ވުރެ ގިނަ ޔޫޒަރުން ހިމެނޭ ޕްލެޓްފޯމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ކަމުގައިވާ ފޭސްބުކުން 2014 ވަނަ އަހަރު ވަޓްސްއެޕް ގަނެފައިވަނީ 19 ބިލިއަން ޑޮލަރަށެވެ. އަދި އެ ޕްލެޓްފޯމަށް ވަރަށް ފަހުން ވަނީ ދޭދޭ ޔޫޒަރުންގެ މެދުގައި ފޯނު ކޯލު ކުރުމުގެ ހިދުމަތް ތައާރަފު ކޮށްފައެވެ.

ފޭސްބުކްގައި މަހެއްގެ މައްޗަށް 1.4 ބިލިއަން ޔޫޒާސް ތިބެއެވެ. އެއް ބިލިއަން މާކަށް އަރަން ފޭސްބުކަށް ހޭދަ ވެފައިވަނީ އަށް އަހަރު ދުވަހެވެ.

ފޭސްބުކްގެ ފައުންޑާ އަދި ސީއީއޯ މާކް ޒަކަބާކް ވިދާޅުވީ، ވަޓްސްއެޕަކީ ފޭސްބުކް ކުންފުނީގެ ވިޔަފާރިއަށް ވަރަށް މުހިއްމު އެޕްލިކޭޝަނެއް ކަމަށެވެ.

ވަޓްސްއެޕް އެންމެ ފުރަތަމަ ލޯންޗު ކޮށްފައިވަނީ 2009 ގައެވެ. އައިފޯނަށް އެކަނި ހާއްސަކޮށްގެން އޭރު ނެރުން އެ އެޕްލިކޭޝަން މިހާރު ގިނަ ޕްލެޓްފޯމްތަކުން ލިބޭނެ އެވެ.