20 Apr 2015, 18:46
އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް ޗެންޕިއަންޝިޕްގައި ރާއްޖޭގެ 14 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން ބަލިވެއްޖެއެވެ.
މިއަދު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ އާމީ ފިޒިކަލް ސެންޓަރ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖޭގެ ޓީމު ލަންކާ އަތުން ބަލިވެފައި ވަނީ 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ނެވެ. މެޗުގައި ލަންކާގެ ފުރަތަމަ ފަސް ލަނޑު އެ ޓީމް ކާމިޔާބު ކުރީ ފުރަތަމަ ހާފްގައެވެ.
ހާފެއް 35 މިނެޓުގެ ދިގުމިނަށް ކުޅުނު އެ މެޗުގައި ލަންކާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ލީޑު ހޯދައިދިނީ ހަތަރުވަނަ މިނެޓުގައި އެ ޓީމްގެ ސުރެންތިރަން ގައުރީއެވެ. އަދި 16 ވަނަ މިނެޓުގައި ދިލިނީކާ ލޮޗަނީ ލަންކާގެ ލީޑު ފުޅާކޮށްލި އިރު، 23 ވަނަ މިނެޓުގައި ލަންކާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އެ ޓީމްގެ ޕަބަސަރާ މެތުމިނީ އެވެ.
ލަންކާގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ދަނޫޝީ ވިޖެސިންހަ އާއި، ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭ އެ ޓީމްގެ ކެޕްޓަން އިމޭޝާއެވެ.
މެޗުގެ ދެވަނަ ހާފްގައި ރާއްޖޭ ޓީމުން ކުޅުން ރަނގަޅުކޮށް، ލަންކާ ޓީމު ހިފެހެއްޓުމަށް މަސައްކަތް ކުރިނަމަވެސް، ލަންކާގެ ތަރުމީކާ ވަނީ އެ ޓީމްގެ ލީޑު ހަ ލަނޑަށް ފުޅާ ކޮށްލާފައެވެ.
އެ ނަތީޖާއާއެކު ރާއްޖެ މިހާރު ވަނީ ގެއްލުން ހަ ގޯލާއެކު، މުބާރާތުގެ ގްރޫޕް 'އޭ' ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ތިން ޕޮއިންޓާއި ފައިދާ ހަ ލަނޑާއެކު ލަންކާ، އޮތީ ތާވަލުގެ އެއްވަނައިގައެވެ. ތާވަލްގެ ދެވަނައިގައި އޮތީ މިއަދު ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން އީރާން ބަލިކުރި ނޭޕާލް އެވެ.
އެ މުބާރާތުގައި މާދަމާވެސް ރާއްޖެ މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، މާދަމާ ރާއްޖޭގެ 14 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ވާދަކުރާނީ އެ މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ނޭޕާލް އެވެ. އަމިއްލަ ގައުމުގައި ޗެންޕިއަންކަން ދިފާއު ކުރަން ނޭޕާލް ނިކުންނައިރު، މިއީ އެ މުބާރާތުގައި ރާއްޖޭގެ 14 އަހަރުން ދަށުގެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ.
އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް މުބާރާތުގައި ރާއްޖެ ބައިވެރިވެފައި ވަނީ ސައުތު އެންޑް ސެންޓްރަލް ޒޯންގައެވެ. އެ ޒޯންގެ ގްރޫޕް 'އޭ'ގައި ރާއްޖެ އާއެކު އިރާނާއި، ނޭޕާލް އަދި ލަންކާ ހިމެނޭއިރު، ގްރޫޕް 'ބީ'ގައި ހިމެނެނީ ބޫޓާން އާއި ބްނަގްލަދޭޝް އަދި އިންޑިއާ އެވެ.