20 Apr 2015, 18:20
މައި އިވެންޓްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކޮކާ-ކޯލާ ލީގް ފައިވް ފުޓްސެލް ޗެލެންޖުގައި ސީލޭންޑް އާއި މުއިވެޔޮ ފްރެންޑްސް އަދި ޓީމް އިންވިކްޓޯ ފެށުން ރަނގަޅުކޮށްފިއެވެ.
އެ މުބާރާތުގެ ފުރަތަމަ ބުރުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި، ގްރޫޕް "އޭ"އިން ސީލޭންޑާ ދެކޮޅަށް ވާދަކޮށްފައި ވަނީ ދަ ގްރާންޑޭ އެމީގޯސްއެވެ. އެ މެޗު ސީލޭންޑް ކާމިޔާބު ކޮށްފައި ވަނީ ތަފާތުބޮޑު 6-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ސީލޭންޑްގެ ލަނޑުތައް ކާމިޔާބު ކުރީ އެ ޓީމްގެ ހުސެއިން ސަވީލް އާއި ސިނާން އިބްރާހިމް ރަޝީދު، އަބްދުﷲ މުއާޒް އަދި ހުސެއިން ރަޝީދު އެވެ. އޭގެ އިތުރުން އެ ޓީމްގެ މުހައްމަދު އަޔާޒް ވަނީ މެޗުގައި ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެ މެޗުގައި ދަ ގްރާންޑޭއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޔާޒް އަހުމަދު އެވެ.
އެ މެޗުގެ އިތުރުން ރޭ ކުޅުނު މުބާރާތުގެ ގްރޫޕް "ބީ'ގެ ފުރަތަމަ މެޗު މުއިވެޔޮ ފްރެންޑްސް ކާމިޔާބު ކޮށްފައި ވަނީ ޕާކް އާ ދެކޮޅަށް ވާދަކޮށް، 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މުއިވެޔޮ ފްރެންޑްސްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ސުޖާއު އާއި އިބްރާހިމް އަސްވަދު އެވެ.
ރޭ ކުޅުނު އެ މުބާރާތުގެ ގްރޫޕް "ސީ"ގެ ފުރަތަމަ މެޗު ޓީމް އިންވިކްޓޯ ކާމިޔާބު ކުރީ ޓީމް ފެންސީއާ ދެކޮޅަށް ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންވިކްޓޯއަށް ލަނޑު ޖަހައިދިނީ އެ ޓީމުގެ ހުސެއިން ޝަރީފު އާއި ހުޝާމް އިބްރާހިމް އަދި އަބްދުﷲ ޝައްފާން އެވެ.
އެ މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މިރޭ ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް "ޑީ"، "އީ" އަދި "އެފް"ގެ ފުރަތަމަ ބުރުގެ މެޗުތަކެވެ. މުޅިއެކު 24 ޓީމް ބައިވެރިވެފައިވާ އެ މުބާރާތް ކުރިއަށް ގެންދަނީ ޓީމްތައް އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.