20 Apr 2015, 18:11
ގެޓްސެޓް ލޯނު ޕްރޮގްރާމް އަލުން އިވެލުއޭޓް ކުރުމަށްފަހު ކުރިއަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.
ގެޓްސެޓް ޕްރޮގްރާމް، ޔޫތް މިނިސްޓްރީން އިކޮނޮމިކް މިނިސްޓްރީއަށް މިހާރު ބަދަލުކޮށްފައިވާއިރު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ސަން އަށް ވިދާޅުވީ، އޭސީސީން މިހާރު އަންގާފައިވަނީ އަލުން ފޯމުތައް އިވެލުއޭޓް ކުރުމަށް ކަމަށެވެ. އެހެންކަމުން މުޅި ޕްރޮސެސް އަލުން ފަށަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭސީސީން އަންގާފައި އޮތީ އިވެލުއޭޓް ކުރަން. މުޅި ޕްރޮސެސް ފަށާކަށް ނޫން އޮތީއެއް،" އާދަމް ވިދާޅުވިއެވެ.
ގެޓްސެޓް ޕްރޮގްރާމް، އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު އެމިނިސްޓްރީން ކުރިން ނިންމާފައިވަނީވެސް އަލުން އެ ފޯމުތައް އިވެލުއޭޓް ކުރުމަށެވެ. އޭސީސީއަށް ގެޓްސެޓްގެ މައްސަލަ ހުށަހަޅާފައިވަނީ ވެސް އިވެލުއޭޝަންގައި މައްސަލައެއް އުޅޭކަމަށް ބުނެއެވެ.
ގެޓްސެޓް ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ޕްރޮގްރާމް ވަނީ ފެބްރުއަރީ މަހު ތެރޭ ނިންމާލަފައެވެ. މި ޕްރޮގްރާމަކީ އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރާ ޕްރޮގްރާމެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓު އުޅެނީ ސުން ޕަސެންޓާއި އަށް ޕަސެންޓާ ދެމެދުގައެވެ.