20 Apr 2015, 18:01
ސަންއާ (އެޕްރީލް 20): ސައޫދީ އަރަބިޔާއަށް އަމާން ނުދޭނެ ކަމަށާއި ސައޫދީންގެ ބޭނުމަކީ ޔަމަން އަތްދަށުލައި ޔަމަން އިސްތިއުމާރު ކުރުން ކަމަށް އެގައުމުގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތުގެ ލީޑަރު އަބްދުލްމަލިކް އަލްހޫޘީ ބުނެފިއެވެ.
ސައުދީން ޔަމަނަށް ޙަމަލާތައް ދޭން ފެށިފަހުން ދެއްވި ފުރަތަމަ ބަޔާނުގައި އަބްދުލްމަލިކް ބުނީ، ސައޫދީންގެ ޙަމަލާތަކާ ގުޅިގެން ހޫޘީ ޖަމާއަތުން އަމާންދީ ހަތިޔާރު ނުބަހައްޓާނެ ކަމަށާއި އަދި ގައުމުގެ ދިފާޢުގައި އެންމެފަހު މީހާއާޖެހެންދެން ތެދުވާނެ ކަމުގައެވެ.
ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ ހޫޘީންނަކީ އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ދިގުލީ ވެރިކަމުގައި ވަރަށް ބޮޑަށް ނިކަމެތިކޮށްލެވި އަނިޔާތައް ލިބިގެންދިޔަ ޝިޔައީންގެ ބައެކެވެ. ނަމަވެސް ސާލިޙް ގެ ވެރިކަން ވެއްޓުމާއެކު އޭނާވަނީ ހޫޘީންނަށް ހުވަފެން ދައްކަވައި އެމީހުން ބޭނުންކޮށްގެން ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާން ފަށާފައެވެ.
ޔަމަންގެ ސިފައިންގެ ލަޝްކަރުތަކުގެ ބޮޑުބައެއްގެ ކޮންޓްރޯލް އަދިވެސް އޮންނަނީ ކުރީގެ ރައީސް ސާލިޙްގެ އަތްޕުޅުގައެވެ. މީގެއިތުރުން ޙޫޘީންނަށް ތާއީދުކޮށް އެހީތެރިވާ ކަމުގެ ތުހުމަތު އީރާނުގެ މައްޗަށްވެސް ކުރެވިފައިވެއެވެ. ނަމަވެސް ސައޫދީން ޔަމަންގެ މައްސަލައިގެ ތެރެއަށް ވަންގޮތަށް އީރާނުން ސީދާގޮތެއްގައި ޔަމަންގެ މައްސަލައިގެ ތެރެއަށް ވަދެފައެއް ނުވެއެވެ.
ހޫޘީންނާއި ހޫޘީންނަށް އެހީތެރިވާ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގެ ބާރުތަކާ ދެކޮޅަށް ސައޫދީ އަރަބިޔާއިން ވައިގެ ޙަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ސައްބީސް ވަނަ ދުވަހުއެވެ. ސައޫދީންގެ ޙަމަލާތަކަށް އެއްމަސްވާން ގާތްވެފައިވާއިރުވެސް ހޫޘީންނާއި އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް ބަލިވަމުންދާތަން ނުފެންނަ ކަމަށް ޔަމަނުންލިބޭ ރިޕޯޓްތައް ބުނެއެވެ.
ސައޫދީ އަރަބިޔާގެ ޙިމާޔަތުގައި ހުންނެވި ޔަމަންގެ މިހާރުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އާ ވެރިކަމުގެ ބާރުތައް ޙަވާލުކޮށް ހަތިޔާރު ބެހެއްޓުމަށް ހޫޘީންނާއި އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކަށް މަޖްބޫރުވަންދެން ޙަމަލާތައް ކުރިޔަށްގެންދާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.
ހާދީ ޔަމަންގެ ވެރިކަން މިހާރު ކުރައްވަމުން ގެންދަވަނީ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައި ހުންނަވައިގެންނެވެ. ހާދީގެ ސަރުކާރުގެ ގިނަ ވަޒީރުންވެސް އުޅުއްވަނީ ސައޫދީގައެވެ. މިކަމުގެ ސަބަބުން ސައޫދީންގެ ގޮނޑިކޮށްކޮއެއްކަމުގެ ތުހުމަތު ރައީސް ހާދީގެ މައްޗަށްވަނީ ކުރެވިފައެވެ.
ސައޫދީންގެ ޙަމަލާތަކާއެކު ޔަމަންގެ ރައްޔިތުންގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވެ އެތަށް ސަތޭކަ ބަޔަކު މަރުވެ އެތަށް ލައްކަ ބަޔަކު ހާލުގައިޖެހެމުންދާތީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވަނީ ހަމަލާތައް ހުއްޓާލުމަށް ސައޫދީންނަށް ގޮވާލާފައެވެ. އަދި ޔަމަންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށްވެސް ބާންކީމޫން ވަނީ ގޮވާލައްވާފައެވެ.
ބާންކީ މޫންގެ މިވާހަކަތަކަށް ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތަކުން ތަރްހީބު ދީފައެއް ނުވެއެވެ. ސައޫދީ އަރަބިޔާ ބުނާގޮތުން އެގައުމުން ޔަމަނަށް ވައިގެ ޙަމަލާތައް ދެމުން ގެންދަނީ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ އެދިވަޑައިގަތުމުގެ މަތިން އޭނާއަށް ވެރިކަމުގެ ބާރުތައް ހޯދައި ދިނުމަށާއި ހޫޘީންނާއި ސާލިޙްގެ ބާރުތައް ބަލިކޮށްލުމުގެ ބޭނުމުގައެވެ.
ސައޫދީންގެ ޙަމަލާތަކާ ގުޅިގެން ޔަމަންގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދުއިސައްތަ ހަތްދިހަ ފަސް މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް އދ.ން ބުނުމުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްވަނީ އެފައިސާ އދ.އަށް ދިނުމަށް ނިންމަވައި އެކަން އިޢްލާން ކުރައްވާފައެވެ.
ސައޫދީންގެ ޙަމަލާތަކުގައި ފައްސަތޭކައެއްހާ މީހުން މަރުވެފައިވާއިރު މިގެތެރޭގައި ގިނައީ އާންމުން ކަމަށްވެސް އދ.ން ބުނެއެވެ. (ނޫސްއެޖެންސީތައް)