އަސްކަރީ ދާއިރާއިން ރާއްޖެއާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ޗައިނާއިން ރާއްޖެއަށް 4.2 މިލިޔަން ޑޮލަރު ( ގާތްގަނޑަކަށް 64 މިލިޔަން ރުފިޔާ)ގެއެހީ ދީފި އެވެ.

އެހީގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ ކޯސްޓްގާޑް ބިލްޑިންގްގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އެހީ ބޭނުންކުރާނީ ދެގައުމުގެ ދެގައުމުގެ ޑިފެންސް މިނިސްޓްރީ އިން މަޝްވަރާކޮށްގެން ކަނޑައަޅާ އުސޫލަކުން ކަމަށެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ވާން ފޫކާންއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ވާން ފޫކާން ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ ދިފާއީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހި ކުރުމުގައި ހާސިލުވި ވަރަށް ފައިދާ ހުރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ދެގައުމުގެ އަސްކަރީ ބާރުތަކުގެ މެދުގައި އިތުބާރު އުފެދިގެންދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސާ އަލީ ޖަލީލު ވިދާޅުވީ ރާއްޖެއަށް މި އެހީ ލިބުމުގައި ޗައިނާ ސަފީރު މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި އެކަމަށް ޓަކައި ފޫކާންއަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.