މަރުވިތާ މަހެއްހާ ދުވަސްވެފައިވާ ބިދޭސީއަކު ވަޅުލުމުގެ ހުއްދަ ހޯދުމަށް ފުލުހުންގެ މައްޗަށް ދައުވާކޮށް، އެ މައްސަލައާ މެދު މިއަދު ހުކުމް ކުރަންނިންމާފައިވަނިކޮށް މައްޔިތާ ވަޅުލައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު 28 ގައި މަރުވި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރު މުހައްމަދު ވަޅުނުލައި ފުލުހުން މަޑުކުރަމުންދާތީ މައްޔިތާ ވަޅުލުމުގެ ހުއްދަ ހޯދުމަށް އަމިއްލަ ކުންފުންޏަކުން ދައުވާކޮށް، ސިވިލް ކޯޓްގައި ޝަރީއަތް ހިނގަމުންދަނިކޮށް މައްޔިތާ ވަޅުލާފައި ވަނީ ރޭ 10:00 ޖަހާ އެހާކަންހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މައްޔިތާ ވަޅުލުމުގެ މައްސަލާއާ މެދު ކޯޓުން ވަކިގޮތެއް ކަނޑަނާޅަނީސް އޭނާ ވަޅުލަންޖެހުނު ސަބަބު، އަދި މީޑިއާގައި ހާމަކުރެވެން ނެތް ކަމަށެވެ.

ބިދޭސީ މީހާ މަސައްކަތް ކުރި ކުންފުނި މާލާ ހައިރައިޒިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފުލުހުންގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން، މައްސަލައިގެ ޝަރީއަތް މިއަދު ނިންމައި ހުކުމް ކުރަން ވެސް ނިންމާފައިވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ބުނެފައިވެ އެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ފުލުހުންގެ ފަރާތުން ދައުލަތުގެ ވަކީލާ އިއްޔެ ވިދާޅުވެފައި ވަނީ ބިދޭސީ މީހާ ވަޅުނުލައި ފުލުހުން މަޑުކުރަނީ ބަންގްލަދޭޝް ހައިކޮމިޝަނުން ހުއްދަ ނުދިނުމުން ކަމަށެވެ. އަދި ބިދޭސީއަކު ވަޅުލުމުގެ ކުރިން ހައިކޮމިޝަންގެ ހުއްދަ ހޯދަމުންދަނީ އުސޫލެއްގެ ގޮތުން ކަމަށެވެ.

ރައްދުގައި މާލާ ހައިރައިޒިންގެ ވަކީލު ވިދާޅުވެފައި ވަނީ ފުލުހުން ތަބާވަނީ ގާނޫނީ ބުރަދަނަކަށް ނޫން ކަމަށާއި އުސޫލެއްގެ މައްޗަށް ކަމަށެވެ. ވުމާއެކު އޭނާ ވަޅުލުމުގެ ހުއްދަ ފުލުހުންނަށް ދިނުމަށް ވަކީލް ކޯޓްހައި އެދިފައިވެ އެވެ.
މަރުވި މައްޔިތާގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި ބާއްވާފައި އޮންނަ ކޮންމެ ދުވަހަކަށް 1300ރ. ހަރަދުވާ ކަމަށް މާލާ ހައިރައިޒިން އިން ބުންޏެވެ. އަދި މަރުވިތާ 27 ދުވަސްވެފައިވާ މައްޔިތާގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި ބާއްވާފައި އޮންނަ ދުވަސްތަކަށް މިހާތަނަށް 31000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް މާލާ ހައިރައިޒުން ބުންޏެވެ.