ރާއްޖެ އަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ސައިކަލުން ޑިއުޓީ ކުޑަކޮށް، ގާމެންޓްސް އިން ޑިއުޓީ ނުނަގާ ގޮތަށް އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ހުށަހެޅުއްވި އެބިލް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 44 މެންބަރުންގެ ވޯޓާއެކުގަ އެވެ.

ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ބިލްގައިވެ އެވެ.

އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާ ގޮތަށް ކުރިން ފާސްކޮށްފައި އޮތްނަމަވެސް، ޖަމީލް ހުށަހެޅުއްވި ބިލްގައި ވަނީ އެއަދަދު 100 ޕަސެންޓަށް ތިރިކޮށްފަ އެވެ.

އެ ބިލްގައި ވަނީ ނިޓްކޮށްފައި ނުވަތަ ކްރޯޝޭ ކޮށްފައި ހުންނަ ތައްޔާރީ ހެދުމާއި ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗިހިން އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.

ނުކުޅެދޭ މީހުންނަށް ޚާއްސަކޮށްގެން ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗިއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗިހި އަދި އެތަކެތީގެ ބައިތަކުން ނަގަންޖެހޭނީ ފަސް ޕަސެންޓުގެ ޑިއުޓީއެއް ކަމަށް އެ ބިލްގައިވެ އެވެ.

ޖަމީލް ވިދާޅުވީ އެބިލަކީ ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ ޖީބަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ހުށަހެޅި ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ އަންނައުނުގެ ބާވަތްތައް ފަދަ ޒަރޫޒީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތަކުން ޑިއުޓީ މާފްކޮށް، އަދި ސައިކަލް ފަދަތަކެތިން ޑިއުޓީ ކުޑަކުރަން ހުށަހެޅީ ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.