20 Apr 2015, 14:09
ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުށްވެރިއެއް ނުވަތަ ގައިދީންގެ ތުނބުޅި ދެ އިންޗިއަށް ވުރެއް ދިގު ނުކުރެވޭ ގޮތަށް ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލެއް އެކުލަވާލައިފި އެވެ.
ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ އެ އުސޫލުގައި ބުނެފައި ވަނީ ގައިދީންގެ ތުނބުޅި ހުންނަންވާނީ ބާލާފައި ނުވަތަ ދެ އިންޗިއަށް ވުރެއް ދިގު ނުވާ ވަރަށް ކަމަށެވެ. އަދި ޖަލުގައި ތިބޭ ފިރިހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ވަށައިގެން ދެ ސެންޓިމީޓަރަށް ވުރެއް ދިގު ނުވާވަރަށް ކޮށާފައި ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.
އަދި އަންހެން ގައިދީންގެ އިސްތަށިގަނޑު ކޮނޑުހުޅަށް ވުރެއް ކުރު ނުވާވަރަށް ކޮށިދާނެ ކަމަށާއި ނަމަވެސް ސިއްހީ ސަބަބަކަށްޓަކައި މެނުވީ އެއްވެސް ގައިދީއަކަށް ބޯ ބޭލުމަކީ މަނާ ކަމެއް ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
"ޖަލު އޮފިސަރުންނާ ގައިދީންނާ ބަންދު މީހުންނަށް އެކިއެކި ހިދުމަތްތައް ދިނުމުގައި އަދި ޕްރޮގުރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ގައިދީން ވާހަކަދައްކަން ވާނީ މަޑުމައިތިރިކަމާއި އެކު ރިވެތި ބަހުންނެވެ،" އުސޫލުގައި ބުނެފައިވެ އެވެ.
ގައިދީން އަމަލުކުރުމަށް ހަދާފައިވާ އެންމެހާ ގާނޫނުތަކާއި އަދި އެންމެހާ ގަވާއިދުތަކާއި ޖަލު އަމުރުތަކަށާއި އުސޫލުތަކަށާއި އެންގުންތަކަށް ފުރިހަމައަށް އެކަންތަންތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ވެސް ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލުގަިއ ބުނެފައިވެ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ އެއްވެސް ގައިދީއަކު އަދި ބަންދު މީހަކު ޖަލުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައިވާ އެއްވެސް ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ނޫނީ އެއްވެސް ގައިދީއަކު އަލިފާން ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.