20 Apr 2015, 14:02
ރާއްޖޭގައި ދައުލަތުން ކުރާ ހަރަދުތައް އެކަށީގެންވާ ވަރަށް ވުރެ އަދި ވެސް ބޮޑުކަމަށާއި އެކަމުގެ ސަބަބުން މައްސަލަތައް ކުރިމަތިވާނެ ކަމަށް ވޯލްޑް ބޭންކުން އަނެއްކާ ވެސް ބުނެފި އެވެ.
ދެކުނު އޭޝިއާގެ އިގުތިސާދުތަކުގެ ހާލަތު އޮތް ގޮތް ބަޔާންކޮށް ވޯލްޑް ބޭންކުން މިދިޔަ ހަފުތާގައި އާއްމު ކުރި "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް ސުޕްރިންގް 2015"ގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދުތަކަށް މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޖީޑީޕީގެ 74.6 ޕަސެންޓް ހޭދަކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓްގައި އަދި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް ހީނަރުކަމެއް އަތުވެއްޖެ ނަމަ ރާއްޖޭގެ ދަރަނި އަދާކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ދައުލަތުގެ ރިޒާވް ދަށް ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރިޒާވްގެ ގޮތުގައި ހުރީ 120 މިލިޔަން ޑޮލަރު ކަމަށާއި އެއަދަދުން އިމްޕޯޓް ކުރެވޭނީ އެއް މަސް ދުވަހަށް ވުރެ މަދު ދުވަސްކޮޅަކަށް ފުދޭހާ މުދާ ކަމަށް ވެސް ބުނެފައިވެ އެވެ.