ކައުންސިލްތަކުގެ މަސައްކަތުގެ ދާއިރާއިން ބޭރުން ނޫސް ބަޔާންތައް ނެރޭ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅަން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފާސްކޮށްފި އެވެ.

އެލްޖީއޭގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ކައުންސިލްތަކުން އެކައުންސިލްގެ މަސައްކަތާ ނުގުޅޭ ބަޔާންތައް ނެރެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބަޔާންތައް ނުނެރުމަށް ކައުންސިލްތަކަށް އެންގުމަށާއި އެ އެންގުމަށް ތަބާނުވެއްޖެނަމަ އެފަދަ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމަށް ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވުމާ އެކު، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ވަނީ ބަޔާންތައް ނެރެފައެވެ. އަދި އޭގެކުރިން ވެސް ސިޔާސީ އެކި މައްސަކަތަކާ ގުޅިގެން ބައެއް ކައުންސިލްތަކުން ވަނީ ބަޔާންތައް ނެރެފައެވެ.