ތާޅަފިލި ދުންމާރި އަދި އެނޫން ވެސް މަޖިލީހުގެ ބޭނުމަށް ނޫން ގޮތަކަށް މަޖިލީހުގެ ތަޅުމަށް ތަކެތި ނުވެއްދޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގޮތަށް ފާސްކުރީ 43 މެމްބަރުންގެ ވޯޓާއެކު އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތާޅަފިއްޔާއި، ދުންމާރީގެ އިތުރުން އަޑުގަދަ ކުރުމަށް ބޭނުން ކުރާ އެހެނިހެން ތަކެތި މަޖިލީހުގެ ތަޅުމަށް ވައްދައި، މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ގަވާއިދު ބަދަލުކުރަން ފާސްކުރީ އާންމު ކޮމިޓީންނެވެ.

ތާޅަފިލި ފަދަ ކަމާ ނުގުޅޭ ތަކެތި މަޖިލީހަށް ވައްދާ މެންބަރުންނާ މެދު އަޅާ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ، މެމްބަރުންގެ ކޮމިޓީ ހާޒިރީ އިން 50 ޕަސެންޓް އުނިކޮށް އެ އަދަދަށް ކޮމިޓީ އެލަވަންސް އިން ވެސް އުނިކުރުމާއި މަޖިލީހުގެ ފަރާތުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި އެފަދަ މެންބަރުން ހަ މަސް ދުވަހަށް ބައިވެރި ނުކުރެވޭ ގޮތް ހެދުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެފައި ވަނީ ގަވާއިދަށް ބަދަލުގެނެސް އެތަކެތި ވެއްދުން މަނާކޮށްގެން މެނުވީ މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"އެގޮތަށް ގަވާއިދު ބަދަލުކުރަން ޖެހުނީ މިހާރުގެ ގަވާއިދުގައި މުތުލަގު ކޮށް އެގޮތަށް ބަޔާންކޮށްފައި ނެތުމުން،" މޫސަ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ މަޖިލީހުގައި ތާޅަފިލި، ދުންމާރި އަދި އަޑުގަދަކުރާ ބޭނުންކޮށްގެން އިހުތިޖާޖު ކުރަމުންނެވެ.