ހަޝިސް އޮއިލް އާއި ބަނގުރަލާއެކު ޏ. ފުވައްމުލަކުން ތިން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކީ 18 އަހަރު ފިރިހެނެކެވެ. އަނެއް ދެމީހުންނަކީ 20 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ހުކުރު ދުވަހުގެ ހަވީރު 5:25 ހާއިރު އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާއެކު އެކު ހިންގި އޮޕަރޭޝަންއެއްގައި އެ ތިން މީހުން ހައްޔަރު ކުރީ އެ ރަށުގެ ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ދަޅު ފެނިފައި ވަނީ އެ ގޭތެރެ ބަލައި ފާސް ކުރިއިރު އެގޭގެ ގިފިލީ ފާރުމަތިން ކަަމަށް ފުލުހުން ބުންޏެވެ. އަދި ބަނގުރާ ކަމަށް ބެލެވޭ ތަކެތި ހުރި ފުޅި ފެނިފައި ވަނީ ކޮޓަރި ތެރޭގައި ހުރި ފުޅިމަދު ފޮއްޓެއް ތެރެއިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދަށް 10ދުވަސް ޖަހާފައިވާ ކަމަށެވެ.