ސުޕަ ސުޕެޝަލިސްޓުން މެދުވެރިކޮށް އަތޮޅުތެރެ އިން ހިދުމަތް ދިނުމުގެ ޕްރޮގުރާމްގެ ދަށުން މިހާތަނަށް 762 މީހަކަށް ފަރުވާދީ އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދިނުމަށް ރާއްޖެ އިން ބޭރަށް ފޮނުވަން ނިންމައިފި އެވެ.

ފަސް ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާހްކޮށްދެއްވާފައިވާ އެހިދުމަތުގެ ދަށުން ރާއްޖޭގެ ހަތަރު ސަރަހައްދަކުން ހިދުމަތް ފޯރުކޮށްދެމުންދާ އިރު އާސަންދަ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް 762 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޑޮކްޓަރަކު މީހަކު ބަލަނީ. --ފޮޓޯ: އާސަންދަ

"އެކި ދާއިރާތަކުގެ ސުޕާ ސުޕްޝަލިސްޓުންނަށް ދެއްކޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް ފެށުނު މިޕްރޮގުރާމަށް އާންމުން ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި." އާސަންދައިން ބުންޏެވެ.

މިފަހަރުގެ ޓީމްތަކުން ނުވަ ދާއިރާއަކުން 11 ސުޕެޝިއަލިސްޓުން ބަލި މީހުންނަށް ފަރުވާދީފައިވާ ކަމަށާއި އެގޮތުން ކުޅުދުއްފުށީގައި 303 މީހަކަށް ފަރުވާދީފައިވާ އިރު ލ. ގަމުގައި 181 މީހުން ބަލާފައިވާ އިރު ގދ. ތިނަދޫގައި 166 މީހުން ބަލާފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ވަނީ 91 މީހުންނަށް ފަރުވާދީފައިވެ އެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޑޮކްޓަރަކު މީހަކު ބަލަނީ. --ފޮޓޯ: އާސަންދަ

މިފަހަރު ދިމާވި އެންމެ ބޮޑު ދައްޗަކީ ޑޮކްޓަރުން ލިޔެދޭ ބޭސް އެ ރަށްރަށުގެ ފާމަސީތަކުން ނުލިބުން ކަމަށާއި ނަމަވެސް އެންސްޕާ މެދުވެރިކޮށް އެބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.