23 Feb 2011, 15:09
ފުލުހުންގެ ބެލުމުގެ ދަށުގައި ތ. ވޭމަންޑޫގައި ހުއްޓައި ސ. ހިތަދޫ ރަންވިލާ ދޯދި، އަބްދުލް ބާސިތު އަބްދުﷲ ޒުބެއިރު މަރުވީ ފުލުހުން ފުލުހުންގެ އިހުމާލުން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެތް ލިބިފައިނުވާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ވޭމަންޑޫ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ހައްޔަރުގައި ބަހައްޓައިފަ ހުއްޓާ، މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އުމުރުން 20 އަހަރުގެ ބާސިތު މަރުވި މައްސަލަ ތަހުގީގުކުރުމަށް ފަހު ޕޮލިސް އިންޓަގްރިޓީން މިއަދު ނެރުނު ރިޕޯޓުގައި ބުނަނީ، ބާސިތަށް ފުލުހުން ނުވަތަ އެހެން އެއްވެސް ފަރާތަކުން އަނިޔާކޮށްފައިވާ ކަމުގެ ހެއްކެތް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
"ފާހަގަކުރެވުނު ނުގުތާތަކަށް ބެލުމަށް ފަހު އަބްދުލް ބާސިތު އަބްދުﷲ ޒުބެއިރު )ސ.ހިތަދޫ/ރަންވިލާދޯދި( އަށް ފުލުހުން ނުވަތަ އެހެން ފަރާތަކުން އަނިޔާއެއް ކުރި ކަމަށް ނުވަތަ ޕޮލިސް ކަސްޓަޑީގައި އަބްދުލް އަބްދުﷲ ޒުބެއިރު މަރުވި މަރުވުމުގައި ފުލުހުންގެ އިހުމާލެއްވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ލިބިފައިނުވާ ކަމަށް ކޮމިޝަނުން ނިންމައިފީމެވެ،" އެ ރިޕޯޓުގައި ވެއެވެ.
އެ ރިޕޯޓުގައި ބުނަނީ، ބާސިތު މަރުވީ "ކާޑިއޯ ރެސްޕިރޭޓަރީ އަރެސްޓް" ނުވަތަ ހިތް ހުއްޓިގެން ކަމަށެވެ.
"ހޮސްޕިޓަލުން އަބްދުލް ބާސިތު ބެލި ޑޮކްޓަރުގެ މެޑިކޯ ލީގަލް ރިޕޯޓުގައި އޭނާއަށް އެއްވެސް އަނިޔާއެއް ވެފައިވާކަން އެނގެން ނެތް ކަމަށާއި އޭނާ މަރުވީ ކާޑިއޯ ރެސްޕިރޭޓަރީ އެރެސްޓްގެ ސަބަބުން ކަމަށް ބެނެފައިވުން" ރިޕޯޓުގައި ވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ، ބާސިތާއި އެހެން މީހަކު ލޯންޗުގައި އައްޑު އަތޮޅަށް ދިޔުމަށް މާލެއިން ފުރުމުގެ ކުރިން ބާސިތު މަސްތުވާތަކެތި ބޭނުންކުރި ކަމަށާއި އަދި އައްޑޫއަށް ދިޔަ މަގުމަތީގައި ވޭމަންޑޫއަށް ފައިބައިގެން އުޅުމުގެ ތެރޭގައި ވެސް އޭނާ މަސްވާތަކެތި ބޭނުންކުރި ކަމަށް ތަހުގީގަށް ބަޔާންދިން މީހަކު ބުނެފައިވާ ކަމަށެވެ.
"އަބްދުލް ބާސިތު މާލެއިން ފުރުމުގެ ކުރިން މަސްތުވުމަށްޓަކައި ހަޝީޝްއާއި 'ނައިޓް 10' ނަމަކަށް ކިޔާ ބޭހެއް ބޭނުންކުރި ކަމަށާއި، ވޭމަންޑޫގައި ބްރައުން ޝުގާ ބޭނުންކުރި ކަމަށާއި، ފުލުހުން އަބްދުލް ބާސިތުގެ ޔޫރިން ޓެސްޓް ކުރިއިރު އެތަނުގައި ހުރި ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ދުށްކަމަށާއި އެ ނަތީޖާ ޕޮޒިޓިވް ކަމަށް ތަހުގީގަށް ބަޔާންދިން މީހަކު ބުނެފައިވުން،" ތަހުގީގުކުރިއަށްދިޔައިރު ފާހަގަކުރެވުނު ނުކުތާތަކުގެ ދަށުން ބުނެފައި ވެއެވެ.
މީގެ އިތުރުން ބާސިތުގެ ކުޑަކަމުދާ ތަކެއްޗާއި ލޭގެ ލެބޯޓްރީ ތަހުލީލު ރިޕޯޓުން އެތަކެތި އޯޕިއޭޓްސް، ކެނެބިސް އަދި ބެންޒޯޑައިޒީޕައިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
ބާސިތު ހައްޔަރުކުރިއިރު ބާރުގެ ބޭނުންކުރަން ނުޖެހޭ ކަމަށާއި އޭނާއަށް އެއްވެސް ފުލުހަކު އަނިޔާކޮށްފައިނުވާ ކަމަށް ތަހުގީގުގައި ސުވާލުކުރެވުނު ހުރިހާ ފުލުހުން ބުނެފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ. އަދި އެ ރިޕޯޓުގައިވާ ގޮތުގައި، ޑިއުޓީގައި ތިބި ފުލުހުންނާއި ބާސިތު އޮތް ގޮޅިއާއި ޖެހިގެން ހުރި ގޮޅީގައި އޮތް މީހަކު ވެސް ބުނެފައިވަނީ އެރޭ އެއްވެސް އާދަޔާ ޚިލާފުކަމެއް ހިނގައިފައިވާ ނުވާ ކަމަށެވެ.
އަދި ބާސިތާއެކު އެއްގޮޅީގައި އޮތް މީހަކު ދިން ބަޔާނުގައި "އޭނާއަށް އެރޭ އެ ގޮޅީގެ ތެރޭގައި އެއްވެސް އާދަޔާ ޚިލާފު ކަމެއް ހިނގިކަން އެނގިފައިނުވާ ކަމަށާއި ބާސިތު މަރުވެފައި އޮތްކަމަށް ޝައްކުކުރެވުނީ ހެނދުނު ސައިބޯން ގޮވީމާ ހޭނުލީމާ ކަމަށް،" ބުނެފައިވާ ކަމަށް ވެސް ޕޮލިސް އިންޓެގްރިޓީން ބުނެފައި ވެއެވެ.
އެކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ބާސިތު މަރުވެފައިވާ ކަމަށް ޝައްކުކުރެވުމުން ފަސް ވަރަކަށް މިނެޓު ތެރޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް އެކްސްރޭތަކުން ނުދައްކާ ކަމަށާއި އަދި "މައްސަލަ ތަހުގީގުކުރި ކޮމިޝަނުގެ މެމްބަރުން ބެލިބެލުމުގައި އަބްދުލްބާސިތު ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް" ކަމަށް ރިޕޯޓުގައި ބުނެ އެވެ.
ޕޮލިސް އިންޓަގްރިޓީގެ ރިޕޯޓުގައި، މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރާ މީހުންގެ ތެރެއިން ހާލުބޮޑު މީހުންނަށް ލަސްނުކޮށް ސިއްޚީ ފަރުވާ ދެވޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށް ލަފާދީފައިވެއެވެ. އަދި އެކަމުގެ ސަބަބުން ކަސްޓޯޑިއަލް ޑެތުގެ އަދަދު މަދުކުރެވޭނެ ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ވެސް ބުނެފައި ވެއެވެ.