ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަތޮޅު ތެރޭގައި ބާއްވާ އެންމެ މުހިއްމު އެއް ހަރަކާތް ކަމަށްވާ "ފުނަ" މި މަހުގެ 30 ވަނަ ދުވަހު ފަށާނެ ކަމަށް މިނިވަން ފަންސާސް އޮފީހުން ބުނެފި އެވެ.

މިނިވަން 50ގެ ހަރަކާތްތަކާ ގުޅޭ ގޮތުން މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ، އެ ހަރަކާތް ފ. ނިލަންދޫގައި މި މަހުގެ 30 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ "ފުނަ" އެ ހަރަކާތް ޖޫން މަހުގެ 5 ވަނަ ދުވަހު ނިންމާލާނެ ކަމަށާއި އަދި ނިންމާލާ އިރު އެ ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.

"[އެ ހަރަކާތް] ނިންމާލުމަށް ފަހު ކޮންމެ އަތޮޅަކުން ހޮވާލެވޭ ދެ ހަރަކާތަކާއި ބައެއް ކަހަލަ ހުނަރު ދައްކާލުމުގެ އެކިއެކި ހަރަކާތްތައް ވެސް އަޅުގަނޑުމެން މާލެ ގެންނާނެ. މި ކުޅިވަރުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައި މިވަނީ ޖުލައި 28 އިން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް. އެ ތިން ދުވަހު އަޅުގަނޑުމެން އެ ހަރަކާތް މާލޭގައި ކުރިއަށް ގެންދަން ނިންމާފައި މިވަނީ. މި ކުޅިވަރުތައް މާލޭގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުރިން ވެސް އަޅުގަނޑުމެން ދެންނެވި ފަދައިން ކާނިވާ ސަރަހައްދުން ފެށިގެން އުސްފަސްގަނޑާއި ހަމައަށޭ އެ ކުޅިވަރުތައް ކުރިއަށް ދާނީ. އެކަން ކުރުމަށް ޓަކައި މިހާރު ވަނީ އެ ސަރަހައްދުގެ ކުރެހުމުގެ ކަންކަން ނިމުމަކަށް އައިސްފައި،" ސަލީމް ވިދާޅުވި އެވެ.

މާޒު ސަލީމް: އޭނާ ވިދާޅުވީ މި މަހުގެ 30ވަނަ ދުވަހު ފ.ނިލަންދޫގައި "ފުނަ" ހަރަކާތް ފެށިގެން ދާނެ ކަމަށް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިނިވަން 50ގެ ހަރަކާތްތަކަކީ ވަރަށް ފުޅާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކެއް ކަމަށާއި އެގޮތުން މިނިވަން 50ގެ ރަސްމިއްޔާތު ބޭއްވުމަށް މާފަންނު ޓްރެކް ސަރަހައްދާ ވެލި ދަނޑު އެއްކޮށްލައިގެން މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ ޓްރެކް ސަރަހައްދުގައި އެ ހަރަކާތްތައް ބޭއްވުމަށް ނިންމާފައި ވަނީ އާންމު ގިނަ ރައްޔިތުންނަށް އެ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

"ގަލޮޅު ރަސްމީ ދަނޑަށް މި ވަދެވެނީ އަށެއްކަ ހާސް މީހުންނަށް. އެހެންކަމުން އަޅުގަނޑުމެން މި ސަރަހައްދު ބަލައި ދިރާސާ ކުރި އިިރުގައި މި ސަަރައްހަދަށް މަދުވެގެން ފަނަރަ ހާހެއްހާ މީހުންނަށް ވަދެވޭ. އެހެންވީމަ އެ ސަރަހައްދުގައި ވިނަ އިންދުމާއި ސިޑިބަރި ހެދުމާއި އެކަންކަން ދިރާސާކޮށް ނިމުމަކާ ހަމައަށް މިހާރު ވަނީ ގޮސްފައި. އޭގެ އަމަލީ މަސައްކަތް އަޅުގަނޑުމެން މި ބަލަނީ އަންނަ މަހުގެ ކުރީކޮޅު ފެށިގެން ދާނެ ކަމަށް،" ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ ރެކޯޑެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ސަލީމް ވިދާޅުވީ އެކަން އެންމެ ފަހުން ކޮށްފައި ވަނީ މިދިޔަ އަހަރު އިންޑިއާގައި ކަމަށެވެ. އަދި އެ ރެކޯޑު ގާއިމް ކުރުމަށް އިންޑިއާގައި 43،000 މީހުން ބައިވެރިވެފައިވާ ކަމަށާއި އެހެންކަމުން އެ ރެކޯޑަކީ ރާއްޖޭގައި ވެސް ގާއިމް ނުކުރެވޭ ވަރުގެ ރެކޯޑެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެކަން ކުރުމަށް އަދިވެސް ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.

މިނިވަން 50 ފާހަގަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް އެންމެ ކުލަގަދަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައި ވަނީ "ރައިވެރިބޭ ޖިހާދުގެ ފެތުމުގެ،" ހަރަކާތެވެ. އެ ހަރަކާތުގައި 1800 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.