އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް މުބާރާތުގައި މިއަދު ރާއްޖޭގެ ޒުވާން ޓީމު ލަންކާގެ ޓީމާ ދެކޮޅަށް ނިކުންނަ އިރު، އެ މުބާރާތުގައި ރާއްޖޭގެ ޓާގެޓަކީ ސެމީ ފައިނަލަށް ދިޔުން ކަމަށް ޓީމާ ހަވާލުވެ ހުރި ހެޑް ކޯޗް ނައޯކޯ ކަވަމޯޓޯ ބުނެފިއެވެ.

އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ރާއްޖޭގެ ގައުމީ ސީނިއަރ އަންހެން ޓީމުގެ ކޯޗުކަމާވެސް ހަވާލުވެ ހުރި ނައޯކޯ ބުނީ އޭނާ ރާއްޖޭގެ 14 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވިތާ އަދި މާ ގިނަ ދުވަސް ނުވާ ކަމަށާއި، ނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭ ޓީމު ވަރަށް ބޮދުތަން ކުރިއަރާފައި ވާކަމަށެވެ.

"އަހަންނަކީ މި ޓީމަށް ވަރަށް އާ ކޯޗެއް. ޓީމާ ހަވާލުވިތާ އަދި މިވީ ތިން ހަފްތާ. ނަމަވެސް ޓީމުގެ ޕަރފޯމެންސް ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ވަމުން ދާކަން ފާހަގަ ކުރެވޭ. މި މުބާރާތުގައި އަހަރުމެން ކަނޑައަޅާފައި ވާ ޓާގެޓަކީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދިޔުން،" ނައޯކޯ ބުންޏެވެ.

ނޭޕާލްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް ޗެންޕިއަންޝިގައި މިއަދު ކުޅޭ މެޗުގެ ކުރިން އިއްޔެ ރާއްޖޭގެ ޓީމް ލުއި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، ނައޯކޯ ވަނީ އެ މުބާރާތުގައި ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުންމީދު ފާޅު ކޮށްފައެވެ.

"ސެމީ ފައިނަލަށް ދިޔުން މި މުބާރާތުގެ ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ، މި މުބާރާތުގައި ވަދަކުރާ އެހެން ޓީމުތަކަކީ ފުދޭވަރަކަށް ވަރުގަދަ ޓީމްތަކަކަށް ވުމުން. ނަމަވެސް ރާއްޖެ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް. މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް މި ޓީމަށް ނެރެވިދާނެ،" ނައޯކޯ ބުންޏެވެ.

އޭއެފްސި މުބާރާތެއްގައި މިއީ ރާއްޖޭގެ ޒުވާން އަންހެން ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މަހުގެ 20 އިން 25 އަށް ކުރިއަށް ގެންދާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ރާއްޖެ ގަޑިން 2:30 ގައި ލަންކާއާ ދެކޮޅަށް ކުޅޭއިރު، އެ މުބާރާތުގައި ރާއްޖެ ބައިވެރިވި ސައުތު އެންޑް ސެންޓްރަލް ޒޯންގައި، ރާއްޖެ ހިމެނޭ ގްރޫޕް 'އޭ' ގައި ދެން ހިމެނޭ ޓީމްތަކަކީ ނޭޕާލާއި އީރާނެވެ.

އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް މުބާރާތުގެ ދެވަނަ މެޗުގައި އެ މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ނޭޕާލާ ދެކޮޅަށް މާދަމާ ރާއްޖެ ކުޅެން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ތިންވަނަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އިރާނާ ދެކޮޅަށެވެ.