20 Apr 2015, 11:24
ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ އެއްވެސް މީހަކާ ނުވަތަ ކުށެއްގެ ތުހުމަތުގައި ޖަލުގައި ބަންދު ކޮށްފައިވާ މީހަކާ ޖަލު އޮފިސަރުންނަށް ކައިވެނި ނުކުރެވޭ ގޮތަށް ޖަލު އޮފިސަރުންގެ ސުލޫކީ ގަވާއިދު އެކުލަވާލައިފި އެވެ.
ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ޖަލު އޮފިސަރުންގެ ސުލޫކީ ގަވާއިދުގައި ވަނީ ޖަލުތަކުގައި ތިބޭ މީހުންނާ އޮފިސަރުންނާ ދެމެދު އެއްވެސް ޒާތެއްގެ އަމިއްލަ ގުޅުމެއް އުފެއްދުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޖަލުތަކުގައި ތިބޭ މީހުންނާ މެދު އޮފިސަރުން އަމަލު ކުރަންވާނީ ވަކި ކުލައަކަށް ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ބެލުމެއް ނެތި އިންސާފުވެރިކަމާ ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.
އޮފިސަރުން ބާރުގެ ބޭނުން ކުރަންވާނީ ނަސޭހަތް ދީގެން އެކަމެއް ހައްލު ކުރުމަށް މަސައްކަތް ކުރުމަށްފަހު އެކަމެއް އެފަދައިން ހައްލު ނުވެއްޖެ ހިނދެއްގައި، ގާނޫނުނާއި ގަވާއިދަށް ތަބާވުމަށް އެންގުމަށްފަހު ޒިންމާދާރު ވެރިއެއްގެ ސީދާ އިރުޝާދާ އަމުރުގެ މަތިން ކަމަށް ވެސް ޖަލު އޮފިސަރުންގެ ގަވާއިދުގައި ވެއެވެ.
އެ ގަވާއިދުގައި ވަނީ އެއްވެސް އޮފިސަރަކީ ޚިޔާނާތާ ކޮރަޕްޝަންގެ އެއްވެސް އަމަލެއްގައި އެއްވެސް މިންވަރަކަށް ބައިވެރިވާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ކުރާ މީހުންނާ މެދު އަޅާ ނުލާ ދޫކޮށްލައިގެން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި އެވެ.
ޖަލު އޮފިސަރަކަށް ވީތީ އެކިއެކި ހާލަތްތަކުގައި ތިމާއަށް ލިބިދޭ އިހުތިޔާރުތަކުގެ ބޭނުން ހިފަންވާނީ ގާނޫނާއި ގަވާއިދާ ސުލޫކީ މިންގަނޑުގައި ރިޔާއަށް ކޮށްފައިވާ ކަންތައްތަކަށް ބަލައިގެން ކަމަށް ވެސް ޖަލު އޮފިސަރުންގެ ގަވާއިދުގައިވެއެވެ.